ރޮބޮޓުގެ އެހީގައި އޮޕަރޭޝަންތައް ކުރުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ތައްޔާރުވާން ފަށައިފިއެވެ.

އެގޮތުން އެ ހޮސްޕިޓަލުގައި ރޮބޮޓުގެ އެހީގައި އޮޕަރޭޝަންތައް ކުރުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތް އެ ހޮސްޕިޓަލުން މިހާރު ދަނީ ކުރަމުންނެވެ.

ރޮބޮޓުގެ އެހީގައި އޮޕަރޭޝަންތައް ކުރުމަށް ބޭނުންވާ ވަސީލަތް ޤާއިމުކުރުމަށް މާލީ ވުޒާރާއިން ބީލަން ހުށަހެޅުމަށް ހުޅުވާލާފައި ވާއިރު އެ ވުޒާރާއިން ބުނީ މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ނިޒާމު ގެނެސް، އެ ހަރުކޮށް އެއަށް ބޭނުންވާ ތަމްރީނުތައްދީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

މިގޮތުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބީލަމުގައި ރަޖިސްޓްރީ ވުމަށް ހުށަހެޅުމަށް މާލީ ވުޒާރާއިން ވަަނީ އެދިފައެވެ. ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 1،500ރ. ނުވަތަ 100 ޑޮލަރު ދައްކަންޖެހޭނެ އެވެ.

އެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ބީލަން ޕޯޓަލް މެދުވެރިކޮށް ބީލަން ހުށަހަޅަން ވަނީ ހުޅުވާލާފައެވެ.

މާލީ ވުޒާރާއިން ބުނީ ބީލަން ހުޅުވާނީ އޯގަސްޓު މަހުގެ 13 ވަނަ ދުވަހު މެންދުރު 1:00 ޖަހާ އެހާކަންހާއިރު ކަަމަށެވެ.

މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމް އަކީ ބަލިމީހާގެ ހަށިގަނޑުގެ ތެރެއަށް ރޮބޮޓިކް އާލާތްތައް ފޮނުވައިގެން އޮޕަރޭޝަންކުރުމަށް ބޭނުންކުރާ ޒަމާނީ ނިޒާމެކެވެ.

އެހެންކަމުން އެ ނިޒާމު ބޭނުންކޮށްގެން އޮޕަރޭޝަންތައް ކުރާއިރު ހަށިގަނޑުގެ އެތެރެ 3 ޑީ ކޮށް ވަރަށް ސާފުކޮށް ޑޮކްޓަރަށް ފެންނާނެއެވެ.