އަންނަ އަހަރުގެ ނޮވެންބަރު މަހު، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް އޮޕަރޭޝަނަށް ގެނެވޭނޭކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ޕީއެސްއެމްގެ ނޭޝަން ޗެޓް ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޖާގަ ބޮޑު، ވަސީލަތް ފުރިހަމަ، ސްޓޭޓް އޮފް ދި އާޓް ޕޯޓެއްގެ ގޮތުގައި، އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު، ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، ބޭނުންކުރަން ފެށޭނެ ކަމަށެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރެއްވުމަށް ގެންގުޅުއްވާ ތަސައްވުރުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވިޔަފާރި ބަނދަރުގެ މަސައްކަތްތަކުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުކުރެވޭއިރު، ބާކީ މަސައްކަތްތައް ކުރިއަށްދާނީ މާލޭގެ ހުޅަނދު ދެކުނުން، ތިލަމާލޭ ބުރިޖު ނިމޭ ހިސާބުގައި، އިންޑަސްޓްރިއަލް ވިލެޖުގައި ކަމަށެވެ.
ރައީސް ވިދާޅުވީ އެއާއެކު، ރޯރޯ ފެރީ ނުވަތަ ކޮޅުވެއްޓިތައް މެދުވެރިކޮށް ކޮންޓެއިނަރުތައް އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ ކަންކަންވެސް ކުރިއަށްދާނީ މާލޭގެ އެތެރެއަށް ދަތި ނުވާގޮތަށް ކަމަށެވެ.
މީގެ އިތުރުން، ޕޯޓުގެ މައިބަދައަކަށް ވާނީ ޑިޖިޓަލައިޒްޑް ނިޒާމެއް ކަމަށާއި، ޕްރައިވެޓް ވުނޭރުންނަށް ބޮޑެތި އިންސެންޓިވް ދީގެން، ތިލަފުއްޓާއި މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ޕޯޓު ހިންގާ ސަރަހައްދުގައި ފިހާރަތައް ހުޅުވުމުގެ ހުރިހާ ކަމަކަށް މަގުފަހި ކޮށްދެއްވާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމަމިއާއެކު މާލޭގައި ހިންގާ އުމްރާނީ މަސައްކަތްތަކާ މެދު ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، މިހާރު ކުރިއަށްދާ މަގު ހެދުމުގެ މަސައްކަތް އެއްކޮށް ފުރިހަމަ ވެގެންދާއިރު، ފަސިންޖަރުން އުފުލާ އުޅަނދުފަހަރަށް ވެސް ލުއި ފަސޭހަ ވަސީލަތްތަކެއް ގާއިމުކުރެވޭނޭކަން ފާހަގަކުރައްވާފައެވެ.
އެގޮތުން، ލޯންޗުތައް ބޭނުންކުރާ ސަރަހައްދުގައި އިތުރު ފިންގަރު ޖެޓީތައް ގާއިމުކޮށް ލަފާ ފުރުން މިހާރަށްވުރެ ފަސޭހަކޮށް ކުރިއަށްގެންދެވޭނޭ ކަމަށާއި، މި މަސައްކަތްކުރާނީ މާލޭ ރިންގް ރޯޑުގެ އެމްޕީއެލް އިން ފެށިގެން ގޮސް ސުނާމީ ބިނާއާ ހަމައަށް އޮތް ބައި ހެދުމުގެ މަސައްކަތާ އެކުއެކީގައިކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.