ސިޔާސީ މަގްސަދުގައި މީހުން ސަރުކާރާއި ދައުލަތުގެ ކުންފުނިތަކުގެ ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މިއީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު، ޕީސީބީ އިން އެސްއޯއީތައްކުން މުވައްޒަފުން 33 އިންސައްތަ މަދު ކުރުމަށް އެންގި އެނގުމާއި ގުޅިގެން ހުށައެޅުއްވި ގަރާރެކެވެ.

މި ގަރާރުގައި ވަނީ ގާނޫނުގެ ކުރިމަތީގަޔާއި އެމީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެއް ކަމަށާއި، ގާނޫނުގެ ރައްކާތެރިކަމާއި ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާ އެކު ލިބުމަކީ ކޮންމެ މީހެއްގެ ހައްގެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށްފައެވެ.

މި ގަރާރަށް މަޖިލީހުން މިއަދު ނެގި ވޯޓުގައި، ގަރާރު ބަލައި ނުގަތުމަށް ޕީއެންސީގެ 45 މެންބަރުން ވަނީ ވޯޓު ދީފައެވެ. ޖަލްސާގައި ތިއްބެވި މެންބަރުންގެ ތެރެއިން ގަރާރު ބަލައިގަންނަން ވޯޓު ދިނީ އިދިކޮޅު އެމްޑީޕީގެ ހަ މެންބަރުންނެވެ.

ކުރިއަށް އޮތް ތިން މަސްދުވަސް ތެރޭގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް ޕީސީބީން ވަނީ އަންގާފައެވެ.

ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުންގެ އަދަދު މަދުކުރުމަށް ބައެއް ފިޔަވަޅުތައް މިހާރު ވެސް އަޅާފައިވެއެވެ. އެގޮތުން އެޗްޑީސީއާއި، ފެނަކަ ފަދަ ކުންފުނިތަކުން ވަނީ އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ތިން މަސްދުވަހުގެ މުސާރައާއެކު ވަޒީފާއިން ވަކިވުމުގެ ފުރުސަތު ހުޅުވާލައިފައެވެ.