އައްޑޫ ސިޓީގެ ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއްވެސް އެއްބާރުލުމެއް ދެމުން ނުދާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ މި ސަރުކާރުން އައްޑޫ ސިޓީގެ ތަރައްގީއަށް އެއްވެސް އެއްބާރުލުމެއް ދެމުން ނުދާ ކަމަށާއި، އޭގެ ބަދަލުގައި ސަރުކާރުން ކުރަނީ ޖެއްސުން ކަމަށެވެ.
ނިޒާރު ވަނީ، އެންމެ ބޮޑު ކަންބޮޑުވުމަކީ އައްޑޫ ސިޓީގެ އިހުތިސާސުގެ ތެރޭގައި އޮތް ސަވާހެލި، ފަތުރުވެރިކަމުގެ ބޭނުމަށް ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކައުންސިލްގެ އިހުތިސާސުން ވަކިކުރެއްވި މައްސަލަ ކަމުގައި ފާހަގަކުރައްވާފަ އެވެ.
މި މަހުގެ 22 ވަނަ ދުވަހުގެ ރޭ އެ ނިންމުން ނިންމާފައިވަނީ، ސަވާހެލި ރިކްރިއޭޝަން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް މި މަހުގެ 19 ވަނަ ދުވަހު ކައުންސިލުން އިއުލާންކޮށް، ގިނަ ބަޔަކު ބިޑް ޑޮކިއުމަންޓްތައް ވެސް ގަނެފައިވަނިކޮށް ކަމަށް ނިޒާރު މައުލޫމާތު ދެއްވި އެވެ.
މޭޔަރު ނިޒާރު އިތުރަށް ވިދާޅުވީ ސަވާހެލި އަކީ އައްޑޫގެ ރައްޔިތުންގެ ބިމެއް ކަމަށާއި، އެއީ އެއްވެސް މީހެއްގެ އަމިއްލަ މިލްކިއްޔާތެއް ނޫން ކަމަށެވެ.
މީގެއިތުރުން، ސަރުކާރުން އެފަދަ ކަންކަން ކުރަނީ އައްޑޫއަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުންގެ ވެސް އެދުމުގެ މަތިން ކަން ފާހަގަކުރައްވާ ނިޒާރު ވަނީ، އެއީ އައްޑޫއަށް އެއްވެސް ތަރައްގީއެއް ގެނައުމަށް ބޭނުންނުވާ ބައެއް ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި ސަރުކާރަށް ތިން އަހަރުވާން ދާއިރު އައްޑޫގެ ތަރައްގީއަށް އެއްވެސް ކަމެއް ކޮށްދީފައި ނުވާކަމަށްވެސް މޭޔަރު ނިޒާރު ވަނީ ވިދާޅުވެފަ އެވެ.
ހަމަމިއާއެކު އެކަން އަންގައި ރައީސް ގަރާރު ނެރުއްވީ ރޭގަނޑުގެ ވަގުތެއްގައި "ނިދަން އެނދަށް އަރާ އޮއްވާ" ކަމަށް، ސަވާހެލި އިހުތިސާސުން ވަކިކުރި ގޮތާ މެދު ނުރުހުން ފާޅުކުރައްވަމުން ނިޒާރު ވަނީ ވިދާޅުވެފަ އެވެ.
މޭޔަރު ނިޒާރު ވިދާޅުވީ އެފަދަ ކަންކަން ކުރަން ޖެހޭނީ އެގޮތަށް ނޫން ކަމަށާއި ދައުލަތުގެ ދެ މުއައްސަސާއެއްގެ ދެމެދުގައި މުއާމަލާތްތައް ހިނގަންވާނީ ރަސްމީކޮށް މަޝްވަރާ ކުރެވިގެން ކަމަށެވެ.
މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި، ސަވާހިލި އަކީ އައްޑޫ ރައްޔިތުންގެ ތަނެއް ކަމަށާއި އެތަން ތަރައްގީ ކުރަން އުޅެނީ ރައްޔިތުންގެ ތަރައްގީ އާއި ކުރިއެރުމަށް ކަން ފާހަގަކުރައްވާ ނިޒާރު ވިދާޅުވީ، އެކަމަށް ސަރުކާރުން ހުރަސް އެޅުމަކީ ސީދާ އައްޑޫ ރައްޔިތުންގެ ތަރައްގީއަށް ހުރަސް އެޅުން ކަމަށެވެ. އަދި ސަވާހިލި ސަރުކާރަށް ނަގައިގެން ތަރައްގީކޮށް ދެވޭނެކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށްވެސް މޭޔަރު ނިޒާރު ވިދާޅުވި އެވެ.
ފޭދު އާއި މަރަދޫފޭދޫގެ މެދަށްވާ ގޮތަށް އޮންނަ ސަވާހެލި ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމާފައިވަނީ 2021 ވަނަ އަހަރުގައި ކަމަށްވާއިރު، ނިޒާރު ވަނީ އެ ރަށް ވީހާ ވެސް އަވަހަކަށް އަނބުރާ ކައުންސިލާ ހަވާލުކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އައްޑޫގައި ފަތުރުވެރިކަން އެކަށީގެންވާ މިންވަރަކަށް ކުރިނޭރުވޭ ކަމުގެ ކަންބޮޑުވުން ބޮޑުވެފައި އޮތް އިރު، އެ އަތޮޅުގައި އޮންނަ ހަންކެޑެ ފަތުރުވެރިކަމަށް ތަރައްގީކުރުމަށް އެކި ސަރުކާރުތަކުން ވައުދުވި ނަމަވެސް، އެ މަސައްކަތް މިހާތަނަށް ނިންމިފައެއް ނުވެ އެވެ. ހަންކެޑެ ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށް "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް، މިދިޔަ ހަފުތާގައި ރައީސް ވަނީ، އުފައްދަވައިފަ އެވެ.