ރައްޔިތުންގެ މަޖިލީހުގެ ތަޅުމަކީ "ޖަނަވާރު ކޮށްޓަކަށް" ހެދުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަލީމް މިހެން ވިދާޅުވީ، ވެމްކޯގެ ތިލަފުށީ ސައިޓުގައި ރޯވުމުގެ ސަބަބުން އެނދި ކުނިތައް ހދ. ކުނބުރުދުއަށް ގެންދިއުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް އިހުތިޖާޖު ކުރަން ފެށުމުންނެވެ.
އެކަމާ ގުޅިގެން ސަލީމް ވިދާޅުވީ މަޖިލީހަކީ ވަރަށް އިހުލާސްތެރިކަމާ ތެދު ވެރިކަމާއި ކެތްތެރިކަމާއި އެކީގައި މަސައްކަތް ކުރަންޖެހޭ ތަނެއް ކަމަށެވެ.
ސަލީމް ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަސައްރަފުކޮށް އުޅުއްވުމަށް ގޮވާލައްވާފައެވެ.
ސަލީމް މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ގަދަރާއި ހައިބަތު ގެއްލޭ ފަދަ އަމަލުތަކަށް އެއްވެސް ވަރަކަށް ޖާގަ ނުދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.