ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ނުހައްގު ޕްރޮމޯޝަން ދިން މައްސަލަ ތަހުގީގު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް އަންގަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

އެ މައްސަލައާ ބެހޭގޮތުން، މިދިޔަ އަހަރުގެ ފަހުކޮޅު އޮޑިޓް އޮފީހުން އާންމުކުރި އޮޑިޓް ރިޕޯޓް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ދިރާސާ ކުރުމަށްފަހު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީން ލަފާދިން ކަންކަމާއެކު އެ ރިޕޯޓް މިއަދު ވަނީ ފާސްކޮށްފަ އެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން ވަޒީފާގެ އިންޓަވިއުއެއް ނެތި ދާއިމީ ވަޒީފާތަކަށް މުވައްޒަފުން ގިނަ އަދަދަކަށް ނަގާފައިވާއިރު، 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް 1،300 މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައިވެ އެވެ. އަދި އޭގެ ތެރެއިން ބައެއް މުވައްޒަފުންނަށް އަހަރަކު އެއް ފަހަރަށް ވުރެ ގިނައިން ވެސް ޕްރޮމޯޝަން ދީފައި ހުރިކަން އޮޑިޓް ރިޕޯޓުން ހާމަވެ އެވެ.

އެ މައްސަލަ އޭސީސީ އާއި ފުލުހުން ބެލުމަށްފަހު އެކަމުގެ ތަފްސީލުތައް އެ އިދާރާތަކުން މަހަކު އެއްފަހަރު މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށް އެ ކޮމިޓީން ވަނީ އަންގައިފަ އެވެ.

ހަމަމިއާއެކު 2021 ވަނަ އަހަރުން ފެށިގެން 2023 އަހަރުގެ ނިޔަލަށް އިންހައުސް ޕްރޮޖެކްޓްތަކަށް ނެގި މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި އިތުރަށް 229،000 ރުފިޔާ ދީފައިވާތީ އެކަން ހިނގާފައިވާ ގޮތް އިދާރީ ގޮތުން ބެލުމަށްފަހު އެ ފައިސާ ހޯދުމަށް އެންގުމަށާއި އަދި އެ ފައިސާ އަނބުރާ ހޯދުނު މިންވަރާއި ނުލިބިވާ މިންވަރު މާލިއްޔަތު ކޮމިޓީއަށް އަންގަމުން ދިއުމަށް ވެސް އެ ކޮމެޓީން އަނގާފައިވެ އެވެ.

މީގެ އިތުރުން، ފެނަކައިގެ މުވައްޒަފުންގެ އަދަދު މަދުކޮށް، ހަރަދު ކުޑަކުރަން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ވެސް ތިން މަސް ދުވަހުގެ ތެރޭގައި ހުށަހެޅުމަށް މާލިއްޔަތު ކޮމިޓީން ވަނީ އަންގައިފަ އެވެ. އަދި ފެނަކައާ ގުޅޭގޮތުން އޭސީސީން ބަލަމުންދާ މައްސަލަތައް ހިނގާ ގޮތުގެ އަޕްޑޭޓް އެ ކޮމިޓީއަށް ހުށަހެޅުމަށް އޭސީސީއަށް ވެސް އެ ކޮމެޓީން އަންގާފައިވެ އެވެ.

މާލިއްޔަތު ކޮމިޓީން ވަނީ އެ ކުންފުނީގެ މުވައްޒަފުން ނެގުމުގެ އާންމުކޮށް އިއުލާނު ނުކޮށް ކުންފުނީގެ ވަޒީފާތައް ދެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، އިއުލާނު ކޮށްގެން މުވައްޒަފުން ނަގަންޖެހޭ ގޮތަށް ގަވާއިދު ބަދަލު ކުރުމަށް އަންގައި، އެކަމާ ގުޅޭ އުސޫލުތައް ސާފުކޮށް އެނގެން އޮންނަ ސްޓޭޑަޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ)ތައް އެކުލަވާލުމަށް ވެސް އަންގައިފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އާންމުކުރި ފެނަކައިގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ދާއިމީ މުވައްޒަފުންގެ އިތުރުން ވަގުތީ މުވައްޒަފުންގެ އަދަދު ތިން އަހަރުގެ ތެރޭގައި 78 އިންސައްތައށް އިތުރުވި އިރު، އެ ރެކޯޑުތައް ދައްކާ ގޮތުން 2020 ވަނަ އަހަރު އެ ކުންފުނީގައި ތިބީ 3،500 މުވައްޒަފުންނެވެ. ނަމަވެސް 2023 ވަނަ އަހަރު އެ އަދަދު ހުރީ ގާތްގަނޑަކަށް 7،000 ގަ އެވެ.

ކޮމެޓީން މިގޮތަށް އަންގާފައިމި ވަނީ ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށެވެ. އެކަމަކު އޭނާ މިހާރު ހުރީ ސިއްހީ ސަބަބުތަކަށްޓަކައި ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.