ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ މި އަހަރުގެ މިހާތަނަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ "ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުގައިވާ ގޮތުން، ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
އެގޮތުން މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 8.4 އިންސައްތައިގެ ކުރިއެރުމެކެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ރިސޯޓްތައް އިހުތިޔާރުކުރާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ 72.9 އިންސައްތަ ނުވަތަ 877,914 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ޑެއިލީ އަޕްޑޭޓް ރިޕޯޓުން ދައްކާގޮތުން ރާއްޖޭގައި މިވަގުތު 185 ރިސޯޓެއް އެބައޮތެވެ. މީގެތެރެއިން 179 ރިސޯޓަކުން ފަތުރުވެރިންނަށް ދަނީ ޚިދުމަތް ދެމުންނެވެ. މި ތަންތަނުގެ ބެޑް ކެޕޭސިޓީއަކީ 45,115 އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާކޮށް، އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ގެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ދަށުން، 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުން ހިމެނެއެވެ.