އެސްޓީއޯއަށް މިއަހަރުގެ 2 ވަނަ ކުއާޓާގެ ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެސްޓީއޯގެ 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓާގެ ހިސާބުތައް އާންމުކޮށްފައިވާ އިރު، އެ ހިސާބުތަކުން ދައްކާ ގޮތުގައި، އެސްޓީއޯގެ 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓާގެ އާމްދަނީ އަކީ 6.98 ބިލިއަން ރުފިޔާއެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި އިރު 27 އިންސައްތައިގެ އިތުރުވުމެކެވެ.
އެސްޓީއޯ އިން ބުނީ، އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީ ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވުން ކަމަށެވެ. އަދި ތެލުގެ އަގު މަތިވުމާއިއެކު އާމްދަނީ އިތުރުވި ނަމަވެސް، ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ކޮންޓްރޯލް ކުރުމުގެގޮތުން ސަރުކާރާއި އެސްޓީއޯއިން ކުރި މަސައްކަތުގެ ނަތީޖާއިން ރައްޔިތުންނަށް ފޯރުކޮށްދޭ ތެލުގެ އަގުތައް ނިސްބަތުން މަތިނުކޮށް ހިފެހެއްޓުމުގެ ނަތީޖާއެއްގެ ގޮތުން ތެލުގެ މާޖިން ކުޑަވެ ތެލުގެ ވިޔަފާރިން ލިބުނު ޖުމްލަ ފައިދާ ދަށްވެފައިވާ ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯ އިން ބުނީ، ކަން އެހެން އޮތް ނަމަވެސް، އެ ކުންފުނީގެ އެހެނިހެން ވިޔަފާރިން ލިބުނު ފައިދާ އިތުރުވުމާއިއެކު، ޖުމްލަ ފައިދާ އަށް ކުރި އަސަރުވަނީ ކުޑަކުރެވިފައިވާ ކަމަށެވެ. އެގޮތުން، މި ކުއާޓާގައި ޖުމްލަ ފައިދާގެ ގޮތުގައި 757 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ އެސްޓީއޯ އިން ބުނެ އެވެ.
އެސްޓީއޯ އިން އިތުރަށް ބުނީ، ޖުމްލަ ފައިދާ ދަށްވި ނަމަވެސް އިދާރީ ހިންގުމާއި ފައިނޭންސް ކުރުމަށް ކުރެވުނު ހަރަދު މެނޭޖްކުރުމާއިއެކު ދެވަނަ ކުއާޓާގައި ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 335 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓާގެ ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށްވެސް އެސްޓީއޯ އިން ބުނެއެވެ.
އެސްޓީއޯ އިން ވަނީ، އެސްޓީއޯގެ ވިޔަފާރީގެ އެންމެހާ ބައިވެރިން އެސްޓީއޯގެ ކަންކަމާމެދު ބަހައްޓާ ގާތްކަމާއި ދޭ އެހީތެރިކަމާއި އެއްބާރުލުމަށް، ޝުކުރުއަދާ ކޮށްފަ އެވެ.