ވެމްކޯގެ ތިލަފުށީ ސައިޓުގައި ރޯވުމުގެ ސަބަބުން އެނދި ކުނިތައް ހދ. ކުނބުރުދުއަށް ގެންދިއުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަޑު އުފުއްލަވަމުން ގެންދަވަނިކޮށް އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ)ގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްލައިފިއެވެ.

ހދ. ކުނބުރުދޫގައި ގާއިމުކުރަން ފަށާފައިވާ ނުނިމި ހުރި ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަށް ގެންދިއުމަށް ވެމްކޯ އިން ނިންމާފައިވާތީ، އޭގެ ސަބަބުން ދިމާވެދާނެ ނުރައްކާތައް ފާހަގަކޮށް މެންބަރު ވަނީ ކުއްލި މައްސަލަ އެއް ހުށަހަޅުއްވާފަ އެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަތުމާ މެދު ގޮތެއް ނިންމަން ނެގި ވޯޓުގައި މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 27 މެންބަރުން ވަނީ ވޯޓު ދީފައެވެ.

މި ޖަލްސާގައި ސަރުކާރުގެ ފަރާތުން، ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދު ހުށަހަޅުއްވާފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރެއްވުމަށްފަހު، މެންބަރު ޒިޔާދު ގެންދެވީ ކަންބޮޑުވުން ފާޅުކުރައްވާ ތަޅުމުގައި އަޑުގަދަ ކުރައްވަމުންނެވެ.

މިއަދު ހުޅަނގު މި އޮތީ، މި އޮތް ގަދަ ވައިގައި ގޮސް ކުނިތައް އެޅީމާ ކުޅުދުއްފުށީ ނޮޅިވަރަން، ނޮޅިވަރަންފަރު، ހަނިމާދޫ، ހިރިމަރަދޫ އަދި ފަޅު ރަށެއްގެ ގޮތުގައި އޮތަސް މީހުން އެބަ އުޅޭ، އެ ރަށްރަށުގެ ރައްޔިތުންނާ މެދު ވިސްނާލަން މި ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެން އެދުނީ، މިކަން ހުއްޓުވަން

ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު

ބަހުސްކުރެއްވުމަށް ފަހު ޒިޔާދު ވަނީ ކުނބުރުދުއަށް ކުނިތައް ޖަމާކުރުމާ ދެކޮޅަށް އަޑު އުފުއްލަވައިފައެވެ. އެގޮތުން ރިޔާސަތު އިންނަވާ މޭޒު ކައިރީގައި ވެސް ޒިޔާދު ވަނީ އަޑު އުފުއްލަވައިފައެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ރިޔާސަތުގައި އިންނެވި ސަލީމް ވަނީ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް މެންބަރަށް ނަސޭހަތްތެރި ވެވަޑައިގެންފަވެ. ނަމަވެސް މެންބަރު އެއަށް އަމަލު ނުކުރެއްވުމުން ނަން އިއްވާ، މެންބަރު ވަނީ ތަޅުމުން ބޭރު ކޮށްފަ އެވެ.

މި މައްސަލަ ބޭރުކޮށްލިއިރު، ކުނިތައް ބަދަލުކުރަން އުޅޭތީ ކައިރި ރަށްރަށުގެ ރައްޔިތުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.