ވިލިމާލޭގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ތަރައްގީކުރާ ފިއުލް ޝެޑުން، ބޯޓުފަހަރަށް ފެން ވިއްކުމަށް ބޭނުންވާ ހުއްދަ ދިނުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.
މި ނިންމުން ނިންމައިފައިވަނީ، 29 ޖުލައި 2026 ވީ ބުދަ ދުވަހު ކުރިއަށް ދިޔަ، މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 10 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.
އެގޮތުން މި މައުޟޫއަށް ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ވިލިމާލެ ފަދަ ޑިމާންޑް ކުޑަ ސަރަހައްދެއްގައި ވިޔަފާރި ދެކޮޅުޖެއްސޭނީ، ތެލުގެ އިތުރުން ފެން ފަދަ ޚިދުމަތްތައް ވެސް ދީގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އަދި ދައުލަތުގެ ކުންފުނިތައް ހަރުދަނާކުރުމަށް މަސައްކަތްކުރާ ދަނޑިވަޅެއްގައި، ކައުންސިލްގެ އެހީތެރިކަން ދިނުމަކީ އެ ކުންފުނިތަކަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.
މޭޔަރު ޢާޒިމް އިތުރަށް ވިދާޅުވީ، އެއް ތަނަކުން ތެލާއި ފެން ލިބެން ހުރުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށެވެ. އަދި މާލޭގެ ދެކުނުފަރާތުގައި ހުންނަ ލޯންޗުފަހަރަށް، ވިލިމާލެއިން ފެނާއި ތެޔޮ ލިބޭނަމަ އެ ސަރަހައްދަށް ޑައިވާޓް ކުރެވޭނެ ކަމަށްވެސް ޢާޒިމް ވިދާޅުވިއެވެ.
މީގެ ސަބަބުން މާލޭގެ ބަނދަރަށް ބާރުބޮޑުވުމުގެ މައްސަލައަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
މޭޔަރު ޢާޒިމްގެ ވާހަކަފުޅަށް ތާއީދުކުރައްވައި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުހައްމަދު ރިޟްވާން ޢަލީ ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތެއް ދެވެން އޮތް ކޮންމެ ކަމެއްގައި ކައުންސިލުން އެއްބާރުލުން ދޭންޖެހޭނެ ކަމަށެވެ. އަދި މިއީ ވަރަށް ރަނގަޅު ނިންމުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މި ހުއްދަ ދިނުމަށް ކައުންސިލުން ނިންމުމާ ގުޅިގެން، ކުރިއަށް އޮތް ތަނުގައި ވިލިމާލެ ފިއުލް ޝެޑުން ތެލުގެ އިތުރުން އޮޑިދޯނިފަހަރަށް ބޭނުންވާ ފެން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
މިއީ ވިލިމާލެ ސަރަހައްދުގައި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ލުޔެއް ކަމަށް މާލެ ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.