ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި އިއްޔެ ހުޅުމާލެ ރަށު މާރުކޭޓުން 20 މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މިކަންހާމަކޮށްފައި ވަނީ އިމިގްރޭޝަނުން ކުރި ޕޯސްޓެއްގައެވެ.
އިމިގްރޭޝަނުން ކުރި ޕޯސްޓުގައި ބުނީ އިއްޔެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ހުޅުމާލެ ރަށު މާރުކޭޓުގައި ކަމަށެވެ. އެގޮތުން އެތަނުގައި މަސައްކަތް ކުރަމުންދިޔަ 55 ބިދޭސީން ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ. އިމިގްރޭޝަނުން ބުނީ އެ ތަނުން ގާނޫނާއި ގަވާއިދާ ހިލާފަށް ތިބި 20 މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމަށް 2024 ވަނަ އަހަރުގެ މެއި މަހު ފެށި "ކުރަނގި އޮޕަރޭޝަން" އަށް ފަހު، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީންނަށް އިމިގްރޭޝަނުން ވަނީ ފުރުސަތު ދީފައެވެ. ނަމަވެސް އޭގެ ފަހުން ވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް މިހާރުވެސް އިމިގްރޭޝަނުން ދަނީ ކުރަމުންނެވެ.
އިމިގްރޭޝަނުން ވަނީ މިހާތަނަށް 191،723 އަށް ވުރެ ގިނަ ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި ފޮޓޯ ނަގައި، ޑޭޓާބޭސް އަޕްޑޭޓުކޮށްފައެވެ.
ނޮވެމްބަރު 17، 2023 އިން ފެށިގެން މިއަހަރުގެ ޖޫން 13ގެ ނިޔަލަށް ވަނީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 12،552 މީހަކު ވަނީ އަނބުރާ ފޮނުވާލާފައެވެ.
މީގެ އިތުރުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންތައް ހުއްޓުވަން ސަރުކާރުން ހާއްސަ އިސްކަމެއް ދެއެވެ.