ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ބެލްޖިއަމް އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ސަފީރުގެ މަގާމަށް އައްޔަން މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

އެ މަޤާމަށް ދިޔާނާ އައްޔަން ކުރެއްވުމެއް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވީ މި މަހުގެ 7ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށެވެ. މި މައްސަލަ ދިރާސާކުރުމަށްފަހު ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ އެ މަޤާމަށް ދިޔާނާ އައްޔަން ކުރެއްވުމަށް ފެންނަ ކަމަށް ފާސްކޮށްފައެވެ.

ކޮމިޓީ މަރުހަލާގައި މި މައްސަލަ ދިރާސާކުރުމަށްފަހު މެންބަރުން ނިންމަވާފައިވަނީ ދިޔާނާއަކީ މަޤާމަށް ގާބިލު، ޝަރުތުހަމަވާ ބޭފުޅެއް ކަމަށެވެ. އެހެންވެ، އީޔޫ އާއި ބެލްޖިއަމަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް އޭނާ އައްޔަންކުރުމަށް ފެންނަ ކަމަށް ފާސްކުރީ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ދިޔާނާ ސަފީރުކަމަށް އައްޔަން ކުރަން ރުހުން ލިބުނީ 52 މެންބަރުންގެ ވޯޓާ އެކު އެވެ.

ފޮރިން ސާވިސްގައި އުޅުއްވާ ބޭފުޅަކަށް ނުވާތީ ސަފީރުކަމަށް އައްޔަންކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ މަރުހަލާއެއްގެ ގޮތުގައި އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ދިޔާނާ އައްޔަންކުރީ މިދިޔަ އޭޕްރިލް މަހުއެވެ.

ދިޔާނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބަންޑާރަ ނައިބުކަން ފުރުއްވާފައެވެ. އޭގެ ފަހުން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ވެރިކަމުގައި ދިޔާނާ ވަނީ ޖެންޑަރ މިނިސްޓަރުކަމުގެ މަޤާމުވެސް ފުރުއްވާފައެވެ.

މިސަރުކާރުން ޖުޑީޝަރީއާ ގުޅުންހުރި ކަންކަމުގައި އަމަލުކޮށްފައިވާ ގޮތާމެދު ދިޔާނާ ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން ސްޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑްކޮށް ވަކިކުރި މައްސަލައިގައި ދިޔާނާ ސަރުކާރަށް ފާޑުވިދާޅުވިއެވެ.

ނަމަވެސް މިސަރުކާރުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ކުރި ކެމްޕެއިނަށް ދިޔާނާ ވަނީ ތާއީދުކުރައްވާ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ކެމްޕެއިންކުރައްވާފައެވެ.