އަންނަ އަހަރުގެ ކައުންސިލް ބްލޮކް ގްރާންޓްގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ސާކިއުލާގައި ބުނީ އަންނަ އަހަރުގެ ކައުންސިލްގެ ބަޖެޓު ތައްޔާރުކުރަންވާނީ އެ މިނިސްޓްރީން އެކުލަވާލާފައިވާ ފޯމެޓާއި އެއްގޮތަށް ކަމަށާއި ބްލޮކް ގްރާންޓްގެ ގޮތުގައި މިނިސްޓްރީން ލަފާކުރާ އަދަދަށް ވުރެ ބޮޑު ނުވާނެ ގޮތަށް ބަޖެޓު ތައްޔާރުކޮށް އެ މައުލޫމާތުތައް ހިއްސާކުރަން އެދޭ ކަމަށެވެ.

އެ މިނިސްޓްރީން ވަނީ ކުރިއަށް އޮތް 3 އަހަރުގެ ބްލޮކް ގްރާންޓް އަދަދުތައް ހާމަކޮށްފައެވެ.

އެގޮތުން 2027 ވަނަ އަހަރު މިއަހަރާ ގާތްގަނޑަކަށް ދާދި އެއްވަރެއް ކަނޑައަޅާފައި ވާއިރު، 2028 ވަނަ އަހަރު ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ދޫކުރާ އަދަދު 2.6 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ.

އަންނަ އަހަރު އެންމެ ބޮޑު އަދަދެއް ލިބޭ މާލޭ ސިޓީ ކައުންސިލަށް ބްލޮކް ގްރާންޓްގެ ގޮތުގައި 231 މިލިއަން ރުފިޔާ ދޫކުރާއިރު،

އެއީ ބްލޮކް ގްރާންޓް ބަޖެޓުގެ ގާތްގަނޑަކަށް 10 ޕަސެންޓެވެ. އަދި އައްޑޫ ސިޓީ ކައުންސިލަށް 93 މިލިއަން ރުފިޔާ ދޫކުރަން ކަނޑައަޅާފައި ވާއިރު ފުވައްމުލަކު ސިޓީ ކައުންސިލަށް 67 މިލިއަން ރުފިޔާ އަދި ކުޅުދުއްފުށި ސިޓީ ކައުންސިލަށް ދޫކުރަން ނިންމާފައިވަނީ 57 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ތިނަދޫ ސިޓީ ކައުންސިލަށް ދޫކުރަން ނިންމާފައިވަނީ 46 މިލިއަން ރުފިޔާ އެވެ. ބްލޮކް ގްރާންޓް ބަޖެޓުގެ 20 ޕަސެންޓް ދޫކުރަނީ ރާއްޖޭގެ ފަސް ސިޓީ ކައުންސިލަކަށެވެ.

ކައުންސިލްތަކަށް ބަހާ ބްލޮކް ގްރާންޓްގެ މިންވަރު ކަނޑައަޅަނީ ރަށުގެ އާބާދީ އާއި ބިމުގެ ސަރަހައްދާއި އަތޮޅު ވެރިކަންކުރާ ރަށާ ހުރި ދުރުމިނާއި މާލެއާ ހުރި ދުރުމިނަށް ބަލައިގެންނެވެ.

2025 ވަނަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކޮށްފައި ވަނީ 2.1 ބިލިއަން ރުފިޔާ އެވެ. އަދި 2026 ވަނަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ގާތްގަނޑަކަށް 2.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު އޭގެތެރެއިން 1.5 ބިލިއަން ރުފިޔާ ވަނީ މިހާތަނަށް ކައުންސިލްތަކަށް ދޫކޮށްފައެވެ.