އަލިމަސް ކާނިވާ ސަރަހައްދުގެ ލޭންޑް ސާވޭއެއް ހަދައިދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ.
ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރަން އެދިފައެވެ. އެގޮތުން އެ އިއުލާނުގައި ބުނީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނުން އަންނަ މަހުގެ ދެ ވަނަ ދުވަހު މައުލޫމާތު ސާފުކޮށް، އަގު ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ކަމަށެވެ. އަދި އެ މަސައްކަތްކުރުމަށް އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް މާލެ ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.
އެ މަސައްކަތާގުޅޭ މައުލޫމާތު ސާފުކުރަން ނުދާ މީހުންނާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅާ މީހުންގެ އާންދާސީ ހިސާބު ބަލައި ނުގަންނާނެ ކަމަށްވެސް ސިޓީ ކައުންސިލުގެ އިއުލާނުގައި ބުނެފައި ވެއެވެ.
ކާނިވާ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރަން މާލެ ސިޓީ ކައުންސިލުން ނިންމީ ޖުލައި 2024ގަ އެވެ.
ސިޓީ ކައުންސިލުން 2024 ގައި ކާނިވަލުގެ ސްޓޭޖު ތަޅާލައި، އެތަނުގައި އާ ސްޓޭޖެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކުރުމުން ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޔޫއެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އެ މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. އެކުންފުންޏާ އެ މަޝްރޫއު ހަވާލުކުރީ 4.8 މިލިއަން ރުފިޔާއަށެވެ.
ނަމަވެސް އެ މަސައްކަތް ނުފެށެނިސް، އިތުރު އެގްރީމަންޓެއް އޮތްކަން ކައުންސިލަށް އެނގިގެން ޔޫއެޗް އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ވަނީ ބާތިލްކޮށްފައެވެ.
އަލިމަސް ކާނިވަލަކީ މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި 2004 ވަނަ އަހަރު ސަރުކާރުން ހުޅުވި ތަނެކެވެ. އަދި އަލިމަސް ކާނިވާ ސްޓޭޖު ބޭނުންކުރީ ސިޔާސީ ހަރަކާތްތަކަށާއި މިއުޒިކް ޝޯތަކަށެވެ.