ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކުއްޔަށް ދިނުމާއި، އެފަދަ ތަންތަން ބޭނުންކުރުމާ ގުޅޭ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމަށްޓަކައި "ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ބިލު" ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއެވެ.
މި ބިލުގެ މަގްސަދަކީ ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައެޅުމާއި ކުއްޔަށްދިނުމާގުޅޭ އުސޫލުތަކާއި، ވަކި ބޭނުމަކަށް އެކަށައެޅިފައިނުވާ ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމާގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް އަދި ލިޔެދޭ ފަޅުރަށްރަށާ ގުޅޭގޮތުން ހިނގާނެ ހާއްސަ އަދި އާންމު އުސޫލުތައް ކަނޑައެޅުމަށެވެ.
ފަޅުރަށްރަށް އެކަށައެޅޭނީ، މި ބޭނުންތަކަށް ނުވަތަ ކަންކަމަށް:
ފަތުރުވެރިކަމުގެ ބޭނުމަށް.
- ސިނާއީ (އިންޑަސްޓްރިއަލް) މަސައްކަތްތަކަށް
- މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް
- އިގްތިސާދީ އެހެނިހެން ބޭނުންތަކަށް
- އިޖުތިމާއީ ބޭނުންތަކަށް
- ދައުލަތުގެ ބޭނުމަށް
- އެހެން ގާނޫނެއްގައި ކަނޑައަޅާފައިވާ ހާއްސަ ބޭނުންތަކަށް
މި ބިލުގެ ދަށުން، ފަތުރުވެރިކަމަށާއި ސިނާއީ ބޭނުންތަކަށް ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ފަޅުރަށްރަށް އެކަށައަޅާނީ އެ ރަށެއް ނިސްބަތްވާ ރަށް ނުވަތަ ސިޓީ ކައުންސިލުންނެވެ. އަދި މިފަދައިން ރަށެއް އެކަށައަޅައިފި ނަމަ، އެ ރަށެއް ކައުންސިލުގެ އިހުތިސާސުން ވަކިކުރެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ފަޅުރަށްރަށް އެކަށައެޅުމުގައި ރިއާޔަތްކުރަންޖެހޭ އަސާސީ ކަންތައްތަކެއްވެސް ބިލުގައި ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި އެ ރަށެއްގެ ޓޮޕޯގްރަފީ ކަނޑައެޅޭ ބޭނުމަށް އެކަށީގެންވޭތޯ ބެލުމާއި، ތިމާވެއްޓަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނެ މިންވަރާއި، ކައިރި ރަށްރަށުގެ މީހުންނަށް ކުރާނެ އަސަރުތަކަށް ބަލަންޖެހޭނެއެވެ. މީގެ އިތުރުން، ތިމާވެށި ނުވަތަ ދިރުންތައް ހިމާޔަތްކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތައް އެހެން ބޭނުމަކަށް ކަނޑަނޭޅޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.