ރެޑްސީ އިން ދަތުރުކުރަމުންދިޔަ ސައުދީ އަރަބިއްޔާގެ އުޅަނދަކަށް އަމާޒުކޮށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
މި ހަމަލާ ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މިފަދަ ހަމަލާތަކަކީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ މިނިވަންކަމާއި ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ރާއްޖޭން ދެކޭ ކަމަށެވެ.
މިއީ ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ރެޑް ސީ އާއި ބާބުލް މަންދަބު ސަރަހައްދުގެ ހަމަޖެހުން ނަގާލައި، ދުނިޔޭގެ އިގްތިސާދަށާއި ހަކަތައިގެ ރައްކާތެރިކަމަށާއި ސަރަހައްދީ ހަމަޖެހުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ނުރައްކާތެރި އަމަލެއް ކަމަށް އެ ބަޔާނުގައި ރާއްޖެއިން ބުނެފައި ވެއެވެ.
މިގޮތުން އެ ބަޔާނުގައި އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރު ނަންބަރު 2216 އާއި 2722 ހިމެނޭހެން، ކަމާގުޅޭ ގަރާރުތަކާއި އދ. ގެ ކަނޑުތަކާބެހޭ މުއާހަދާ (ޔޫއެންސީއެލްއޯއެސް) ފަދަ ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒުކުރުން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން ރާއްޖެއިން އަބަދުވެސް އޮންނާނީ ސައުދީ އަރަބިއްޔާގެ ސަރުކާރާއި އެ ގައުމުގެ އަހުވަންތަ ރައްޔިތުންނާ އެކުގައިކަން ތަކުރާރުކޮށް، އެ ގައުމުގެ އިސްތިގުލާލާއި ސަލާމަތާއި ސަރަހައްދީ ނަޒާހަތްތެރިކަން ހިމާޔަތްކުރުމަށް އަޅާ ހުރިހާ ފިޔަވަޅުތަކަށް ރާއްޖެއިން ތާއީދުކުރާކަންވެސް އެ ބަޔާނުގައިވަނީ ބުނެފައެވެ.