މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 ގައި ދަތުރުވެރިންނަށް އަރާމުކުރާ އަދި ޚިދުމަތް ލިބޭ މުޅިންވއައު ޖާގައެއް ބޭނުންކުރަން ފަށައިފިއެވެ.

އެމްއޭސީއެލުން ބުނީ މިއީ އެއާޕޯޓުން ފުރާ ފަރާތްތަކަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދަތުރުވެރިންނަށް ލުއިފަސޭހަ އަދި ހިތްގައިމު މާހައުލެއް ފޯރުކޮށްދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަދި އަލަށް ހުޅުވި މި ޖާގައާއެކު، ޓާމިނަލްގެ ފުރަތަމަ ބުރީގައި ފަސިންޖަރުން މަޑުކޮށްލައިގެން ތިބުމަށް ގާތްގަނޑަކަށް 750 އަކަމީޓަރުގެ އާ ސަރަހައްދެއް އިތުރުވެފައިވާ ކަމަށް އެމްއޭސީއެލުން ބުނެފައި ވެއެވެ.

އެގޮތުން އެތަނުގައި ދަތުރުވެރިން ފުރުމުގެ ކުރިން އަރާމުކޮށްލުމަށްޓަކައި ތަފާތު ވައްތަރުގެ ގޮނޑިތައް އަތުރާފައިވަނީ ހިތްފަސޭހަ މާހައުލެއް ލިބޭނޭ ގޮތަށް ކަމަށް އެމްއޭސީއެލުން ބުނެއެވެ.

މީގެ އިތުރުން، މި ޖާގައި ކުޑަކުދިންނަށް ހާއްސަ 136 އަކަމީޓަރުގެ ކުޅޭ ސަރަހައްދެއް ތަރައްގީކޮށްފައިވާ ކަމަށްވެސް އެމްއޭސީއެލުން ހާމަކުރެއެވެ.

މިގޮތުން އެ ސަރަހައްދުގައި އެކި ލެވެލްތަކުގެ ޕްލޭ ފްލެޓްފޯމްތަކާއި، ރައްކާތެރި ހޮޅިތަކާއި، ވާ އަދި ރިންގު ބޭނުންކޮށްގެން އަރާ ފޭބޭނެ ވަސީލަތްތަކުގެ އިތުރުން ބޯޅަ ކުޅޭ ޖާގައެއް ހިމެނޭ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

މިއީ ޓާމިނަލް 1 އިން ދަތުރުކުރާ އާއިލާތަކަށާއި ކުޑަކުދިންނަށް އަމާން އަދި އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ތަނެއް ކަމަށްވެސް އެމްއޭސީއެލް އިން ބުނެއެވެ.

މި ޖާގައިގައި ބޭންކް އޮފް މޯލްޑިވްސްގެ ހާއްސަ ކައުންޓަރެއް ވެސް ވަނީ ގާއިމުކޮށްފައެވެ. މި ކައުންޓަރު މެދުވެރިކޮށް ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތާއި، ދިވެހި ރައްޔިތުންނަށް ޑޮލަރު ދޫކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް އެމްއޭސީއެލުން ބުނެފަައި ވެއެވެ.

މި އާ ޖާގަ ހުޅުވުމަކީ ޓާމިނަލް 1 ގެ ހިދުމަތްތައް ތަރައްގީކުރުމަށް އެމްއޭސީއެލް އިން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ޒަމާނީ، ހުރިހާ ފަރާތްތަކަށް ބޭނުންކުރެވޭނެ، އަދި ފަސިންޖަރުންގެ ބޭނުންތަކަށް އިސްކަންދޭ ތަނަކަށް ހެދުމަށް އެ ކުންފުނިން ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމެއް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.