މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމްޓީޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، ޙާރިޘް މުޙައްމަދު އައްޔަންކޮށްފި އެވެ.
އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަޙުމަދު ނިޔާޒު، މި މަހުގެ 23 ވަނަ ދުވަހު މަގާމުން ވަކިކުރުމުންނެވެ.
އެމްޓީޑީސީއަށް އަލަށް ހަމަޖެއްސި މެނޭޖިންގ ޑިރެކްޓަރު ޙާރިޘް މުޙައްމަދަކީ ވައިގެ ދަތުރުފަތުރާއި، ފަތުރުވެރިކަމާއި، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާތަކުން 30 އަހަރަށްވުރެ ދިގު މުއްދަތެއްގެ ފަންނީ ތަޖުރިބާ ލިބިވަޑައިގެންފައިވާ، މެނޭޖްމަންޓް ކޮންސަލްޓަންޓެކެވެ.
ޙާރިޘް ވަނީ މީގެކުރިން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުކަމާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް ގެ ޖެނެރަލް މެނޭޖަރުކަމުގެ މަގާމުވެސް ފުރުއްވާފަ އެވެ.
ޙާރިޘް ވަނީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފަ އެވެ. އަދި އޭނާއަކީ ޗާޓަރޑް އިންސްޓިޓިއުޓް އޮފް މާކެޓިންގ (CIM) އަދި ޗާޓަރޑް މެނޭޖްމަންޓް އިންސްޓިޓިއުޓް (CMI) ގެ ފެލޯޝިޕް ލިބިވަޑައިގެންފައިވާ ބޭފުޅެއްކަން ފާހަގަކޮށްލެވެ އެވެ.