ފާރމަސިސްޓުންނަށް ހާއްސަކޮށްގެން ރިފްރެޝަރ ކޯސްތަކެއް ހިނގުމަށް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑުން ނިންމައިފި އެވެ.
ސްޓޭޓްފާމާއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭނުންވާ ފާމަސިސްޓުން ހޯދުމަށް އިއުލާނު ކުރަމުންނެވެ. އެގޮތުން ފާއިތުވި މަހުގައިވެސް ވަނީ 30 އަށް ވުރެން ގިނަ ފާމަސިސްޓުން ހޯދަން އިއުލާނުކޮށްފަ އެވެ.
ސްޓޭޓްފާމާއިން ބުނީ ފާމަސިސްޓުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މި ދާއިރާގައި ތަމްރީން ލިބިފައި ތިބި ދިވެހިން މަދުކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަމަށް ހައްލު ހޯދުމަށް ސްޓޭޓްފާމާއިން ވަނީ މޯލްޑިވިސް ނޭޝަނަލް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ބޭފުޅުންނާއި ބައްދަލުކޮށް، ދާއިރާއިން ކިޔަވާ ކުދިން އިތުރުކުރުމަށް ކުރެވެން ހުރި ކަންތައްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފަ އެވެ.
އެ ބައްދަލުވުމުގައި ވަނީ މި ދާއިރާއިން ދަސްވެނިވެގެން ވަޒީފާގެ މާހައުލަށް ނިކުންނަ ފަރާތްތަކަށް ކުންފުނިން ފުރުސަތު ހުޅުވާލުމަށް ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި ބެހޭ ގޮތުންވެސް މަޝްވަރާކޮށްފަ އެވެ. މީގެ އިތުރުން، މިހާރު ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ރިފްރެޝަރ ކޯސް ހިންގުމަށް ނިންމާފައިވާ ކަމަށާއި، ދިވެހި ޒުވާނުންނަށް އަބަދުވެސް އެ ކުންފުނީގެ ދޮރުތައް ހުޅުވިފައި ހުންނާނެ ކަމަށް ސްޓޭޓްފާމާއިން ބުނެފައިވެ އެވެ.
ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް އުފެއްދި ސްޓޭޓްފާމާ ކުންފުނިން ދަނީ ބޭހާއި ގުޅުން ހުރި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސްޓޭޓްފާމާގެ ފާމަސީތަކުން ލިބެން ހުންނަ ހުރިހާ ބޭހެއްގެ މައުލޫމާތާއި އެ ބޭސް ލިބެން ހުންނަ ފާމަސީތައް އެނގޭނެ ގޮތަށް ހާއްސަ ޕޯޓަލެއް ގާއިމުކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރަމުންދާކަން ފާހަގަކޮށްލެވެ އެވެ.