ރައްޔިތުންގެ މަޖިލީހަށް 100 އަހަރު ވާން ކައިރި ވެފައިވާއިރު، ކޮންމެ ދުވަހަކު ހަދާނެ ގާނޫނުތަކެއް މިހާރު ނުހުންނާނެ ކަަމަށް މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތް ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން އެ ވާހަކަތަކަށް ރައްދު ދެއްވަމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަލީމް ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ މައިގަނޑު ގާނޫނުތައް މިހާރު ހުރީ ހަދައި ނިމިފައި ކަމަށެވެ. އެހެންވެ، ކޮންމެ ދުވަހަކު ސަރުކާރުން މަޖިލީހަށް ބިލުތަކެއް ފޮނުވުމުގެ ފުރުސަތެއް މިހާރު ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ މިހާރު ރާއްޖޭގައި ގާނޫނުތައް ހަދަން ޖެހޭނީ ހަމައެކަނި އާ ކަންތައްތަކަށް ކަމަށާއި، މަޖިލީހަށް ކުރެވޭނެ އަނެއް މަސައްކަތަކީ ބަދަލު ގެންނަން ޖެހޭ ގާނޫނުތަކަށް ބަދަލު ގެނައުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް ޖަލްސާތައް މިދިޔަ ހަފްތާގައި ކެންސަލްކޮށްފައި ވާއިރު، އޭރު ޖަލްސާތައް ކުރިއަށް ނުގެންދިޔަ ސަބަބެއް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.