ބޭންކުގައި ސޭވްކޮށްފައި ހުންނަ ފައިސާ ނަގައިގެން ބޭނުން ކުރުމަކީ ފައިސާ ޗާޕް ކުރުން ނޫން ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ފަލާހު މިހެން ވިދާޅުވީ، މި ސަރުކާރުން ސިޔާސީ ބޭނުމަށް މީހުން ވަޒީފާއިން ވަކިކުރާ ކަމަށް ބުނެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.

ފިނޭންސް މިނިސްޓްރީން ހުށަހެޅި، ދިވެހި ރުފިޔާ އަދި އެމެރިކާ ޑޮލަރުން ޖުމުލަ 2.4 ބިލިއަންގެ ބޮންޑެއްގައި އިންވެސްޓު ކުރުމަށް ޕެންޝަން އޮފީހުން ނިންމި ނިންމުމަކީ، ފައިސާ ޗާޕުކުރުމުގެ ގެއްލުން ބޮޑު މުއާމަލާތެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމާ ގުޅޭގޮތުން ފަލާހު ވިދާޅުވީ، އެއީ މި ސަރުކާރުން ފައިސާ ޗާޕް ނުކުރުމުން، ޕެންޝަން ފަންޑުން 2.5 ބިލިޔަން ރުފިޔާގެ ކޮންމެވެސް ފައިސާތަކެއް ނެރެގެން ފައިސާ ޗާޕް ކޮށްފި ކަމަށް ދެއްކުމަށްޓަކައި ދައްކާ ވާހަކައެއް ކަމަށެވެ.

ފަލާހު ވިދާޅުވީ، ބޭންކު ތަކުގައި ދިގު މުއްދަތަށް މުއްސަނދިން ސޭވްކޮށްފައި ހުންނަ ފައިސާ ލޯނު ދިނުންފަދަ ކަންކަމަށް ބޭނުން ކުރާ ކަމަށާއި، ނަމަވެސް އެ ކަންކަމަަށް ފައިސާ ޗާޕް ކުރުމޭ ނުކިޔޭނެ ކަމަށެވެ.

"މި ސަރުކާރުން ފައިސާ ޗާޕް ނުކުރީމާ މިހާރު މިދައްކަނީ ޕެންޝަން ފަންޑުން 2.5 ބިލިޔަން ރުފިޔާގެ ކޮންމެސް ފައިސާތަކެއް ނެރެގެން ފައިސާ ޗާޕް ކޮށްފިއޭ، އެހެންވީމާ ބޭންކު ތަކުގައި ސޭންވިން އަށް މީހުން ބަހައްޓާފައި ހުންނަ ފައިސާ ނަގައިގެން ބޭނުންކުރަން ފެށީމަވެސް އެ ފައިސާ ޗާޕްކުރީ، ފައިސާ ޗާޕް ކުރުމަކީ އެއްވެސް ތަނެއްގައި ސޭވިންކޮށްފައި ހުންނަ އެއްޗެއް ނަގައިގެން ބޭނުން ކުރުމެއް ނޫން،"

ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ފަލާހު

ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމަށް އިޝާރާތްކުރައްވައި ފަލާހު ވަނީ، ސަލީމަކީ ވެސް ވަރަށް ވަރުގަދަ ވިޔަފާރި ވެރިިއެއް ކަމުގައި ފާހަގަކުރައްވައި، ރެޑްވޭވް ކުންފުނީގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ފަސް އަހަރު ދުވަހަށް ބަހައްޓާފައި ހުންނަ ސޭވިން އެކައުންޓެއްގައި އެއް ބިލިޔަން ރުފިޔާ ހުރެދާނެ ކަމަށް ވިދާޅުވެ މިސާލުޖައްސަވާފައެވެ.

އެގޮތުން އެ އެއް ބިލިޔަން ރުފިޔާ، ބޭންކް އޮފް މޯލްޑިވްސް އިން ނުވަތަ ދެން ހުންނަ ބޭންކްތަކުން ލޯނު ދިނުން ފަދަ ކަންކަމަށް ވެސް ބޭނުންކުރެވޭނެ ކަމަށް ފަލާހު ވިދާޅުވިއެވެ.

ދިގު މުއްދަތަކަށް އެ ބޭންކުތަކުގައި މުއްސަނދިން ބަހައްޓާ ފައިސާއިން ލޯނު ދިނުމަކީވެސް ފައިސާ ޗާޕްކުރުންތޯ ފަލާހު ވަނީ ސުވާލު އުފައްދަވާފައެވެ.

ފަލާހު ވިދާޅުވި ގޮތުގައި ސަރުކާރުން ފައިސާ ޗާޕް ކުރާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަނީ ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައެވެ. އަދި އެމްޑީޕީން ބަޖެޓު ހުސްކޮށްލައިގެން ކޮންމެ އަހަރަކު ސަޕްލިމަންޓްރީ ބަޖެޓު ހުށަހެޅި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން މިވީ ދެ އަހަރު ތެރޭގައި އެފަދަ ބަޖެޓެއް ހުށަހަޅަން ޖެހިފައިނުވާ ކަމަށާއި، މިއީ މި ސަރުކާރުގެ ހަރުދަނާ މާލީ ސިޔާސަތުގެ ނަތީޖާކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ފަލާހު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގެ ތާރީޚަށް ބަލާއިރު، ފިކުރު ތަފާތުވުމުގެ ސަބަބުން ޖުމްލަ 751 މީހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށާއި، މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ސިޔާސީ ފިކުރަކަށް ބަލައިގެން އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށެވެ.