އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތްކުރުމަށް ކުރަންޖެހޭ ސަވޭގެ މަސައްކަތް އެމްޓީސީސީން ކުރިއަށްގެންގޮސް ނިންމާލައިފިއެވެ.

އެމްޓީސީސީން އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފެށުމައް ތައްޔާރުވަމުން އަންނައިރު، އެމްޓީސީސީން އިއްޔެ ބުނީ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ ސާވޭތަކުގެ ތެރެއިން، އަމީނީ މަގުގައި ކޯ ކަޓިންގގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި އެ ކުންފުނިން ބުނީ މާލޭގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އަމީނީ މަގާއި، އިއްޒުއްދީން މަގުގެ އިތުރުން ބޮޑުތަކުރުފާނު މަގު މަރާމާތުކޮށް، ރަނގަޅު ފެންވަރަކަށް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އެ މަޝްރޫއުގެ ދަށުން މަގު މަރާމާތު ކުރުމުގެ އިތުރުން ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެންނާނެއެވެ.

އެ ކުންފުނިން ބުނީ މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ މާލޭގެ މަގުތަކަކީ އާންމުންނަށް ބޭނުންކުރަން އަމާން އަދި ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ މަގުތަކަކަށް ހެދުން ކަމަށެވެ.

އަމީނީ މަގުގެ މިހާރު ހަލާކުވެފައިވާ ސަރަޙައްދުގެ މަސައްކަތް ނިންމާ ފުރަތަމަ ހުޅުވީ، 2023ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ.

އަމީނީމަގުގެ މަސައްކަތް މުޅިން ނިންމާފައި ވަނީ، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ.

ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި އެ މަގުގެ ތާރުގަނޑު ހަލާކުވެ، އަޑިގުޑަންވެ، މަގުން ދުއްވާ މީހުންނަށް އެކަމުގެ އުނދަގޫ ވަރަށް ބޮޑަށް ކުރިމަތިވިއެވެ.

މިދިޔަ އަހަރުގެ ކުރީކޮޅުވެސް ވަނީ މާފަންނު ސްޓޭޑިއަމް ސަރަޙައްދުގެ އިރުން ހުޅަނގަށް ދުއްވާ ލޭނުން ބައެއްގައި ތާރުގަނޑު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.

މިދިޔަ ސަރުކާރުން84.4 މިލިޔަން ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށް ގެންދިޔަ، އަމީނީ މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯ މީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ތަރައްޤީ ކޮށްފައިވެއެވެ.