ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކޮވިޑް މެނޭޖުކުރެއްވި ގޮތުގެ ފޯމިއުލާ ހޯދަން އެދުނު ގައުމުތަކުގެ މައުލޫމާތު ދޭން ހުށަހެޅުއްވި ސުވާލާ ގުޅޭ މައްސަލަ ދައުލަތުން ހައި ކޯޓުން ނަގައިފި އެވެ.

ކޮވިޑް މެނޭޖުކުރެއްވި ގޮތުގެ ފޯމިއުލާ ހޯދަން އެހެން ގައުމުތަކުގެ ވެރިން ވެސް ގުޅުއްވަމުން ގެންދަވާ ކަމަށް އޭރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވުމުން އެދުނު ގައުމުތަކުގެ މައުލޫމާތު ދޭން އޭރުގެ ނޫސްވެރިއެއް ކަމަށްވާ އަހުމަދު އަޒާން ވަނީ އެދިފައެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އަޒާން ފޮރިން މިނިސްޓްރީ އަށް ހުށަހެޅުއްވީ ފޯމިއުލާ ހޯދަން ގުޅި ގައުމުތަކަކީ ކޮބައިތޯ ސާފުކުރެއްވުމަށެވެ. ނަމަވެސް ފޮރިން މިނިސްޓްރީން އެ މައުލޫމާތެއް ނުދިނެވެ. މިނިސްޓްރީން އެ މައުލޫމާތު ދޭން އިންކާރުކުރީ އެއީ ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް ބަދަލުކުރެވޭ މައުލޫމާތެއް ކަމަށް ބުނެ، އެ މައުލޫމާތު ހާމަކޮށްފި ނަމަ، މުސްތަގުބަލުގައި އެފަދަ މައުލޫމާތު ސަރުކާރަށް ލިބުމަށް ހުރަސްއެޅިދާނެ ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުން އެ ޖަވާބު ބަލައިނުގަނެ އެންގެވީ އަޒާންއަށް މިނިސްޓްރީން އެ މައުލޫމާތު ފޯރުކޮށްދިނުމަށެވެ. އެކަމަކު އެ ނިންމުމަށް އަމަލުނުކޮށް ހައި ކޯޓަށް މިނިސްޓްރީން މައްސަލަ ހުށަހެޅި އެވެ. އެ މައްސަލަ ހައި ކޯޓުން ފުރަތަމަ ބަލައިނުގަނެ، އެ ކޯޓުގެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން މައްސަލަ ކޯޓަށް ހުށަހެޅިދާނެ ކަމަށް އެންމެ މަތީ ކޯޓުން ނިންމި އެވެ. އެގޮތުން، މިނިސްޓްރީން އަލުން މައްސަލަ ހައި ކޯޓަށް ވެއްދި އެވެ.

ނަމަވެސް، ފޮރިން މިނިސްޓްރީ ތަމުސީލުކުރާ ބަންޑާރަ ނައިބުގެ އޮފީހުން މައްސަލަ ރިވިއުކުރުމަށް ފަހު، ދެން އިތުރަށް އެ މައްސަލަ ކުރިއަށް ނުގެންދަން ވަނީ ނިންމައިފަ އެވެ. އެ ދައުވާ ފޯމު ބާތިލް ކުރަން ދައުލަތުން އެދޭތީ ހައި ކޯޓުން މިހާރު ވަނީ އެ ދައުވާ ބާތިލްކޮށް، މައްސަލަ ފައިލްކޮށްފަ އެވެ.