ރާއްޖޭން އިންޓަނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީ (އައިރީނާ)އަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ޠާރިޤް އިބްރާހިމް އައްޔަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އެމަނިކުފާނު ވަނީ އައިރީނާއަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ޠާރިޤް އައްޔަން ކުރެއްވުމަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވާފައެވެ.
އެގޮތުން އެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
އައިރީނާއަށް ކަނޑައަޅުއްވާ މަންދޫބަކަށް ޠާރިޤު އައްޔަން ކުރެވޭނީ މަޖިލީހުގެ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް، މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން ރުހުން ލިބުމުންނެވެ.
ޠާރިޤް އިބްރާހިމް ވަނީ މީގެ ކުރިން މި ސަރުކާރުގެ ތިމާވެއްޓާބެހޭ ވަޒީރުގެ މަޤާމުވެސް އަދާކުރައްވާފައެވެ. އަދި ޠާރިގު މިހާރު ހުންނެވީ ރާއްޖޭން އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުގައެވެ.
މީގެ ކުރިން ރާއްޖޭން އައިރީނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަޤާމުގައި ހުންނެވީ ކުރިން އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު މުޙައްމަދު ޙުސައިން ޝަރީފެވެ.