ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، ހިލޭއެހީގެ ގޮތުގައި އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރި އަސްކަރީ މަނަވަރު، "ޢިމާދުއްދީން" ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު، ކޮމިޝަންކޮށްދެއްވައިފިއެވެ.
އެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ވިދާޅުވީ، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އެވެ.
އެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މަނަވަރު ހަދިޔާކުރެއްވިކަމުގެ ރަމްޒު ހަވާލުކޮށްދެއްވައި، ދިވެހިރާއްޖޭގެ ފަރާތުން އޮސްޓްރޭލިޔާ ސަރުކާރަށް އަރުވާ ޝުކުރުގެ ލިޔުން ހަވާލުކޮށްދެއްވުމަށް ކުރިއަށްގެންދެވި ނަމްބަރު ޝަރަފުވެރިކޮށްދެއްވާފައެވެ. އެއަށްފަހު އެ މަނިކުފާނު ވަނީ، މަނަވަރުގެ ނަން ކަޝްފުކޮށްދެއްވާފައެވެ.
ދިވެހި ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑް ފްލީޓަށް އިތުރުކުރެވުނު ނޭވީ މަނަވަރު "ޢިމާދުއްދީން"ގެ ޚިދުމަތް ފައްޓަވައިދެއްވީ ރައީސް މުޢިއްޒުއެވެ. މިގޮތުން، މަނަވަރު ކޮމިޝަންކުރެއްވިކަމުގެ ލިޔުމާއި ދިވެހި ޤައުމީ ދިދަ، މަނަވަރުގެ ކޮމާންޑިންގ އޮފިސަރ ލެފްޓިނެންޓް ކާނަލް ސިނާން ޒާހިރުއާ އެމަނިކުފާނު ޙަވާލުކޮށްދެއްވިއެވެ. އެއަށްފަހު މަނަވަރުގެ ކުރޫއިން ވަނީ، ކޯސްޓް ގާޑް ނޭވީ މަނަވަރު "ޢިމާދުއްދީން"އަށް އަރާ، ކޮމިޝަންކުރުމުގެ ޑްރިލް ފުރިހަމަކުރައްވާފައެވެ.
ރޭގެ ރަސްމިއްޔާތަށްފަހު ރައީސް މުޢިއްޒުއާއި އެމަނިކުފާނުގެ އަރިހުގައި މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އޮސްޓްރޭލިއާގެ އިސް މަންދޫބުންނާއި، ދެ ޤައުމުގެ އިސް އޮފިޝަލުން ވަނީ "ޢިމާދުއްދީން" މަނަވަރަށް އަރާވަޑައިގެން، މަނަވަރު ބައްލަވާލައްވާފައެވެ.
އަދި މަނަވަރު ބައްލަވާލެއްވުމަށްފަހު ނެގި ހަނދާނީ ފޮޓޯފުޅެއްގައިވެސް އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ނޭވީ މަނަވަރު "ޢިމާދުއްދީން"އަކީ، ރައީސް މުޢިއްޒު ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެކެވެ.
ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެއްދެވުމަކީ ރައީސް މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ.
މިގޮތުން އޮސްޓްރޭލިއާ އާއި ރާއްޖެއާއި ދެމެދުގައި އޮތް ވަރުގަދަ ބަދަހި ގުޅުމުގެ ރަމްޒެއްގެ ގޮތުގައި އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ހަދިޔާކޮށްފައިވާ މި އުޅަނދަކީ، އޮސްޓްރޭލިއާގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި، އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އައު އުޅަނދެކެވެ.
މި އުޅަނދު ރާއްޖެއަށް ގެނައުމުގެ ކުރިން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިއާގައި މި އުޅަނދު އޮޕަރޭޓްކުރާނެ ގޮތުގެ ޚާއްޞަ ތަމްރީނުތަކާއި ފެމިލިއަރައިޒޭޝަން ޓްރަޔަލްސްތައް ފުރިހަމަކޮށްފައެވެ.
ނޭވީ މަނަވަރު "ޢިމާދުއްދީން" ކޮމިޝަންކޮށް، ރަސްމީކޮށް ޚިދުމަތަށް ނެރެވުމާއެކު ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާއި، ކަނޑުމަތީގައި ހިންގާ ޣައިރުޤާނޫނީ ޢަމަލުތައް ހުއްޓުވުމާއި، ކަނޑުމަތީގައި ދިމާވާ ޙާދިސާތަކުގައި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ ޤާބިލުކަން މިހާރަށް ވުރެ އިތުރުވެގެންދާނެއެވެ.
އަދި މިއީ ސަރަޙައްދީ ސަލާމަތާއި ހަމަޖެހުމަށް ރާއްޖެއިން އަދާކުރާ ދައުރަށް ވެސް ލިބިގެންދާނެ ވަރަށްބޮޑު ކުރިއެރުމެކެވެ.