އައްޑޫ ސިޓީ ފޭދޫ ޓުއަރިޒަމް ޒޯނު ތަރައްގީކުރަން ފެށީ އިއްޔެއަކު ނޫން ކަމަށް ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލު ނިޒާރު ވިދާޅުވެއްޖެ އެވެ.
މެންބަރު އިސްމާއިލް ނިޒާރު މިހެން ވިދާޅުވީ ނިޒާރު ވިދާޅުވީ ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅުގެ އިޚްތިޞާޞުން އެ އަތޮޅު ސަވާހެލި ވަކިކޮށް، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި މަހުގެ 22 ވަނަ ދުވަހު ވަނީ ނިންމެވުމާ ގުޅިގެން، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވަނިކޮށް އޭނާގެ ސޯޝަލް މީޑިއާގައި މޭޔަރަށް ރައްދުދެއްވާ ކުރެއްވި ޕޯސްޓެއްގައެވެ.
މި މައްސަލައިގަ މޭޔަރު ނިޒާރު ވިދާޅުވީ ސަވާހިލި ޕްރޮޖެކްޓަށް ސަރުކާރުން ހުރަސް އެޅީ، އެ މަޝްރޫއު އަށް ޝައުގުވެރިކަން ފާޅުކޮށް، ބައެއް ފަރާތްތަކުން ބިޑް ޑޮކިއުމަންޓް ވެސް ގަނެވެފައި ވަނިކޮށް ކަމަށާ ސަވާހިލި ޕްރޮޖެކްޓަށް ހުރަސް އެޅުމުން ފޭދޫގެ ޓޫރިޒަމް ޒޯންގެ އޮޕަރޭޝަން ހުއްޓުމަކަށް އަތުވެދާނެ ކަމަށެވެ.
ނިޒާރު ވިދާޅުވީ މި ސަރުކާރަށް ތިން އަހަރުވެ، ދައުރު ވެސް ހަމަވާން ގާތްވަމުން އަންނަ އިރު، އައްޑު އަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތް ކަމަށާއި، މި ހާލަތުގައި ކަންކަން އޮއްވައި ސަވާހިލި ފޭރިގަނެ، އައްޑޫގެ ތަރައްގީ އާއި އިގުތިސާދީ ކުރިއެރުމަށް ހުރަސް އެޅުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން މިކަމަކީ ރައްޔިތުންގެ ނިކަމެތި ކަމުގައި ބޭތިއްބުމަށް ހުދުމުހުތާރު ވިސްނުމުގައި ކުރަމުންދާ ކަންކަން ކަމަށް ނިޒާރުވަނީ ތުހުމަތު ކުރައްވާފައެވެ.
މި ވާކަތަކަށް ރައްދުދެއްވާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ވިދާޅުވީ ސަވާހިލި އައްޑޫ ސިޓީ ކައުންސިލްގެ ފުރިހަމަ ބާރުގެ ދަށުގައި އޮންނަތާ އެތައް ޒަމާނެއް ވެފައިވާ ކަމަށާ ފޭދޫ ޓުއަރިޒަމް ޒޯނު ތަރައްގީކުރަން ފެށީ އިއްޔެއަކު ނޫން ކަމަށެވެ.
އައްޑޫ ސިޓީގައި އަބަދުވެސް އޮންނަނީ އެމްޑީޕީގެ ފުރިހަމަ ބާރު އޮންނަ ކައުންސިލެއްކަން ފާހަގަކުރައްވާ ނިޒާރު ވަނީ އެމްޑީޕީގެ ދެ ވެރިކަން ނިމިގެން ދިޔައިރުވެސް ސަވާހިލި އޮތް ކަމަށާއި އެއްކަމެއްވެސް ނުކުރާ ކަމަށް ވިދާޅުވެފައެވެ. އަދި އޭރު އައްޑޫ ރައްޔިތުންނަށް ހެޔޮއެދިގެން ފޭދޫ ޓުއަރިޒަމް ޒޯނަށްޓަކައި ސަވާހިލި ތަރައްގީ ކުރި ނަމަ މިއަދު އެތަން ފަޅުރަށެއްގެ ގޮތުގައި ނޯންނާނެ ކަމަށްވެސް އިސްމާއިލް ނިޒާރު ވިދާޅުވިއެވެ.
ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުކުރާ ނުހައްގު މަންފާ ހޯދުމަށް ކުރަން އުޅޭކަންކަން ނާކާމިޔާބުވުމުން ރައްޔިތުންނަށް ކަންކަން އޮޅުވާލާ ފިތުނަ އުފެދޭހެން ވާހަކަދެއްކުމަކީ ދެރަކަމެއް ކަމަށް މެންބަރު ނިޒާރު ކުރެއްވި ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
އިސްމާއިލް ނިޒާރު މިހެން ވިދާޅުވެފައި ވާއިރު، އައްޑޫގެ އިހްތިޞާސް އިން ސަވާހިލި ވަކިކުރުމުން އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީންވެސް ވަނީ ކަންބޮޑު ވުން ފާޅުކޮށްފައެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ރަށްތަކާއި ސިޓީތަކުގެ އިހުތިސާސް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވަނީ ގާނޫނުގައި ކަނޑައަޅާފައިވާ އިންތަކުގެ ތެރޭގައި ބޭނުންކުރުމަށް ކަމަށާއި އެ ބާރު ބޭނުންކުރަންވާނީ އެރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުންގެ މަޝްވަރާއާއެކު ކަމަށް ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާކަމަށެވެ.
ނަމަވެސް ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން އާ ދައުރަކަށް އިންތިހާބުވި ސިޓީ ކައުންސިލުން، އައްޑޫ ސިޓީގެ 5 އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ ގާނޫނީ ޒިންމާ އަދާކުރަމުންދާ ދަނޑިވަޅެއްގައި، ކައުންސިލާއި ރައްޔިތުންގެ މަޝްވަރާއެއް ނެތި ސަވާހިލި ވަކިކުރުމުން އެމްޑީޕީން ކަންބޮޑުވާ ކަމަށް އެ ޕާޓީގެ ބަޔާނުގައި ވަނީ ބުނެފައެވެ.