މިނިވަން ދުވަހާއި ގުޅިގެން ބާއްވަން ހަމަޖެއްސި އެމްއެންޑީއެފްގެ ޕެރޭޑް މިއަދު ނުބޭއްވިނަމަވެސް،އަންނަ ބުރާސްފަތި ދުވަހު އެ ޕެރޭޑް އޮންނާނެކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ، މިއަދު ޕެރޭޑް ނުބޭއްވުނީ ވިއްސާރަވުމާއި ގުޅިގެން ކަމަށެވެ.

ނަމަވެސް މި މަހުގެ 29ވާ ބުރާސްފަތި ދުވަހު ހުޅުމާލޭގައި ޕެރޭޑް ބޭއްވުމަށް މިހާރު ހަމަޖައްސާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

ބުރާސްފަތިދުވަހު މި ޕްރޭޑް ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:30ގައެވެ. ޕެރޭޑު ކުރިއަށްދާއިރު ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ހުއްޓައި ބޭންޑުގެ ޙަރަކާތްތައް ދައްކާލާނެއެވެ.

މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދިޔަ ހެވިކަމުގެ ކުޅިވަރުތަކުގެ ތެރެއިން ގައުމީ ދިފާއީ ބާރާއި، ސްކޫލް ކުދިންގެ ޕެރޭޑެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

ެއެމްއެންޑީއެފުން ބުނީ އެ ޕެރޭޑުގައި ދިފާއީ ބާރުގެ އެކި ބަހާތަކުން ބައިވެރިވެފައިވާއިރު، 15 ސްކޫލަކުންވެސް ބައިވެރިވެފައިވާ ކަމަށެވެ.

ކޮންމެ އަހަރެއްގެވެސް މިނިވަން ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަނަމަވެސް އެންމެ ގިނަ ބައެއްގެ ތަރުހީބު ލިބެމުންދަނީ އެމްއެންޑީއެފްއާއި ސުކޫލް ކުދިންގެ ޕެރޭޑަށެވެ.