ނައިޖީރިއާގެ ހުޅަނގު އުތުރުގެ ކަޑޫނާ ސްޓޭޓްގެ އަވަށަކަށް ހަތިޔާރު އެޅި ބަޔަކު މިއަދުގެ ވަގުތެއްގައި ދިން ހަމަލާއެއްގައި 30 މީހުން މަރާލައިފިއެވެ.
ރޮއިޓާސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާ ދީފައިވަނީ ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
ހަމަލާދިން މީހުން އެ އަވަށުގެ ތެރެއަށް ވަދެ ވަކި ބަޔަކަށް ނުބަލާ ބަޑިޖަހައި ގެތައް އަންދާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އަށް ކުޑަކުދިން ހިމެނެ އެވެ. އަދި އިތުރު ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށް އެ އަވަށުގެ އިސްވެރިއެއްގެ ސެކްރެޓަރީ ޑޮގޮން ރާނާ ވިދާޅުވިއެވެ.
ހަތިޔާ އެޅި ގުރޫޕުތަކުން ނައިޖީރިއާގެ އުތުރުބައިގެ ސަރަހައްދުތަކުގައި މިފަދަ ނުރައްކާތެރި ހަމަލާތައް ދިނުމަކީ ގިނައިން ހިނގަމުންދާ ކަމެކެވެ.
އިރުއުތުރުގައި ދަނީ އިސްލާމިސްޓް ހަނގުރާމަވެރިން ކަމަށްވާ ބޮކޯ ހަރާމް އާއި ސްޕްލިންޓަރ ގްރޫޕް އިސްވާޕް އިން ހަމަނުޖެހުންތައް އުފައްދަން ހަމަލާތައް ދެމުންނެވެ. ނަމަވެސް މި ހަމަލާގެ ޒިންމާ އަދި އެއްވެސް ގުރޫޕަކުން އުފުލާފައެއް ނުވެއެވެ.
ކަޑޫނާ ސްޓޭޓްގެ ފުލުހުންގެ ތަރުޖަމާނު މަންސޫރު ހަސަން ވިދާޅުވީ މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލުތައް ފުލުހުން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.