އިންތިޚާބީ މެންބަރުން ތިއްބަވާ ޒުވާނުންގެ މަޖިލީހެއް ގާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ޒުވާނުންނާއި އަންހެނުންގެ ކުރިއެރުވުމަށް ސަރުުކާރުން ނިންމަވާފައިވާ ބައެއް ކަންކަން ހިއްސާކުރައްވަމުންނެވެ. އެގޮތުން ރައީސް ވަނީ ޒުވާނުންނާއި އަންހެނުންނަކީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑުބައެއް ހިއްސާކުރާ ބައެއް ކަމުގައި ފާހަގަކުރައްވާފައެވެ. އަދި އެ މީހުންގެ ބައިވެރިވުން އިތުރުކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީ އާއި ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް އިސްކަންދޭން ޖެހޭ ކަމެއް ކަމަށާއި ދައުލަތުގެ މިނިވަންކަން ތާއަބަދަށް ދެމެހެއްޓުމުގައި އެ ފަރާތްތަކުގެ ބައިވެރިވުން ކޮންމެހެން ބޭނުންވާ ކަމަށާއި އެގޮތުން، ކުރިއަށް އޮތްތަނުގައި ޒުވާނުންގެ މަޖިލިސް، ނުވަތަ ޔޫތު ޕާލަމަންޓް ގާއިމުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޒުވާނުންގެ މަޖިލީހެއް ޤާއިމުކުރުމާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމްޕޮޒިޝަންގެ ތެރޭގައި، ވަކި އިންސައްތައެއް އެއީ، ޒުވާނުން ކަމުގައި އަދި ވަކި އިންސައްތައެއް އެއީ، އަންހެނުން ކަމުގައި ކަނޑައެޅުމަށް ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙު ގެނައުމާއި، މިފަދަ ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި މަޖިލީހަށް ހުށަހަޅާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ޒުވާނުންނާއި އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކޮށްދިނުމަކީ، އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތު ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މިގޮތުން ގާތްގަނޑަކަށް 5،600 އަށްވުރެ ގިނަ ޒުވާނުންނަށް ކުދިލޯނު ލިބޭނެ ލޯނު ސްކީމެއް ތަޢާރުފްކޮށްފައިވާ ކަމަށާއި ކްރިއޭޓިވް އިކޮނޮމީ ފުޅާކުރުމަށްޓަކައި ޒުވާނުންނާއި އަންހެނުންނަށް އެކިކަހަލަ ފަހި ފުރުޞަތުތައް ފޯރުކޮށްދެމުން އަންނަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ މި އިސްލާހުތަކުގެ ސަބަބުން ޤައުމުގެ ކަންކަން ނިންމުމުގައި ޒުވާނުންނާއި އަންހެނުންނަށް ދާއިމީ ގޮތެއްގައި ފުރުސަތު ލިބިގެންދާނެ ކަމަށެވެ.