ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް އެކަކުން ހައްޔަރު ކުރި އިންޑިއާ މީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. އަދި 71 ފުޅި ބަނގުރަލާއެކު ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ޖިނެޝް ކުމާރު މުރްގެސަން (26އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.
އެ އޮޕަރޭޝަންގައި، ހުޅުމާލެ ފޭސް އެކެއް ދިއްގާމަގުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 18 ފުޅި ފެނިފައިވާ ކަމަށާއި އަދި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 53 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެންމެ ފުރަތަމަ ޖަހާފައި ވަނީ 3 ދުވަހެވެ. ނަމަވެސް އެ މުއްދަތު ހަމަވެގެން މިއަދު ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ އިތުރު 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.