މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވުމުން، ޒަރޫރީ ބޭނުންތަކަށް ފިޔަވައި ކަނޑު ދަތުރުނުކުރަން ފުލުހުން އިލްތިމާސްކޮށްފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން، އިއްޔެއާ އެއްގޮތަށް މިއަދު ވެސް ރާއްޖޭގެ މޫސުން ގޯސްވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، އުދައިގެ އަސަރުކޮށްފާނެ ކަމަށް ލަފާކޮށްފައިވާ އިރު، އެ އިދާރާއިން ވަނީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ކަނޑު ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.
އެ އިދާރާއިން ބުނީ ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގައި ކަމަށާއި، ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.
މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި މޫސުމީ ސަމާލުތަކާ އެއްގޮތަށް އަމަލުކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އެގޮތުން ކަނޑު ދަތުރުތައް ކުރުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، ޒަރޫރީ ބޭނުންތަކަށް ފިޔަވައި ކަނޑު ދަތުރު ނުކުރުމަށާއި، ދަތުރުކުރާނަމަ ލައިފް ޖެކެޓް އެޅުމަށް އިރުޝާދު ދީފައިވާ އިރު، އުޅަނދުތަކުގައި ސަމާލަތީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށާއި އުޅަނދަށް ކަނޑައަޅައިފައިވާ އަދަދަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.
މެޓް އޮފީހުން މީގެ ކުރިން ވެސް ވަނީ މި ހަފުތާ ތެރޭގައި ވިއްސާރަވާނެ ކަމަށް ލަފާކޮށް، އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.