ފާއިތުވެދިޔަ ދެ ހަފުތާގެ ތެރޭގައި އެމެރިކާއި އީރާނާ ދެމެދު ކުރިއަށްދިޔަ ހަމަލާތައް މެދުކަނޑައިލުމާ ގުޅިގެން، ތެލުގެ އަގު ފަސް ޕަސެންޓަށްވުރެ ބޮޑަށް ދަށަށް ހިނގައްޖެއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ހުރުމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން މީގެ ކުރިން ބްރެންޓް ތެލުގެ އަގު 100 ޑޮލަރަށްވުރެ މައްޗަށްވެސް އަރާފައިވެއެވެ.
ތެލުގެ އަގު މިހާ ބޮޑަށް ދަށަށްދިޔައީ، އީރާނަށް ދެމުންދިޔަ ބޮމުގެ ހަމަލާތައް ވަގުތީ ގޮތުން ހުއްޓައިލާނެ ކަމަށް ހުކުރު ދުވަހު ވޮޝިންޓަނުން ހާމަކުރުމާ ގުޅިގެންނެވެ.
ސީ ބީ އެސްގެ "ފޭސް ދަ ނޭޝަން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، އދ ގައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ވޯލްޓް ވިދާޅުވީ މި މެދުކަނޑައިލުމަކީ "ޑިޕްލޮމެސީއަށް ފުރުސަތެއް ދިނުން" ކަމަށެވެ. ނަމަވެސް، ޑިޕްލޮމެޓިކް މަސައްކަތްތައް ނާކާމިޔާބުވެއްޖެނަމަ ސަރަހައްދަށް އިތުރު އަސްކަރީ ބާރުތައް ފޮނުވަމުންދާނެ ކަމަށް ވިދާޅުވެ އޭނާ އިންޒާރުދެއްވިއެވެ.
އީރާނުން ވެސް ވަނީ ހަމަލާތައް މެދުކަނޑައިލާނެ ކަން އަންގާފައެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ އޮމާނުގެ ވަފުދާއެކު ހުކުރު އަދި ހޮނިހިރު ދުވަހު ބޭއްވި މަޝްވަރާތަކީ "ބިނާކުރަނިވި" މަޝްވަރާތަކެއް ކަމަށާއި، ބައެއް ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ. ނަން ހާމަނުކުރުމަށް ޝަރުތުކޮށް ރޮއިޓާސް އަށް މައުލޫމާތު ދެއްވި އީރާނުގެ އޮފިޝަލެއް ވިދާޅުވީ، އެ ޤައުމުގެ ސިޔާސަތަކީ "ހަމަލާއަށް ހަމަލާ" ދިނުން ކަމަށާއި، އެމެރިކާއިން ހަމަލާތައް ހުއްޓައިލާހާ ހިނދަކު އެ ޤައުމުންވެސް އަމަލުކުރާނީ އެގޮތަށް ކަމަށެވެ.
ތެލުގެ މާކެޓަށް ބަލާއިރު، މި މެދުކަނޑައިލުމަކީ ފާއިތުވެދިޔަ ދުވަސްތަކުގައި މާކެޓްގައި އޮތް ބިރުވެރިކަމަށްފަހު، ފައިދާ ނެގުމަށް ލިބުނު ފުރުސަތެކެވެ.
އެގޮތުން އެ ތަފާސް ހިސާބުތައް ދައްކާގޮތުން 100 ޑޮލަރަށް ލިބެންހުރި ބްރެންޓް ކްރޫޑް ފިއުޗާސްގެ އަގު 5.58 ޑޮލަރު ނުވަތަ 5.77 އިންސައްތަ ދަށަށް ގޮސް، ރޭގެ ވަގުތެއްގައި ފީފާއެއްގެ އަގު ވަނީ 91.20 ޑޮލަރަށް ތިރިވެފައެވެ. ހަމައެއާއެކު، 98 ޑޮލަރަށް ހުރި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް ކްރޫޑްގެ އަގު 4.91 ޑޮލަރު ނުވަތަ 5.50 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު ހުރީ 84.40 ޑޮލަރުގައެވެ.
ތެލުގެ އަގު ދަށުގައި ހިފެހެއްޓިފައި ހުރުމަށްޓަކައި ޓޭންކަރުތަކުގެ ދަތުރުފަތުރު ކުރީގެ ހާލަތަށް އަންނަންޖެހެއެވެ. ރިޕޯޓުތައް ބުނާގޮތުން ދާއިމީ އެއްބަސްވުމަކަށް އަންނަންދެން، ހުރުމުޒު ކަނޑުގެ ސަރަހައްދުގައި އުފެދިފައިވާ ނުރައްކާތައް އެގޮތުގައި ދެމިހުންނާނެއެވެ.
މި ހަމަލާތައް ހުއްޓައިލުމަށް މެދުވެރިވި ސަބަބުތަކުގެ ތެރޭގައި، އެމެރިކާއިން ދެމުންދިޔަ ބޮމުގެ ހަމަލާތަކުގެ އަމާޒުތައް ހުސްވަމުންދިއުމާއި، ހަނގުރާމައިގެ ސާމާނާއި މިސައިލް ނައްތާލާ ނިޒާމުތައް މަދުވުން ހިމެނެއެވެ.
މީގެ އިތުރުން، އެމެރިކާގެ މެދު ދައުރުގެ އިންތިޚާބަށް ސަތޭކަ ދުވަހަށް ވެފައިވާއިރު، އެމެރިކާގައި ޕެޓްރޯލް ލީޓަރެއްގެ އަގު ހަތަރު ޑޮލަރަށްވުރެ މައްޗަށް އަރާފައިވުމަކީ ރައީސް ޑޮނަލްޑް ޓްރަޕްއަށް ކުރިމަތިވެފައިވާ ބޮޑު ސިޔާސީ ކަންބޮޑުވުމެކެވެ.
ވޮޝިންޓަނާއި ތެހެރާނުން ނުކުންނަ ޚަބަރުތަކުގެ ސަބުން ކުރިއަށް އަންނަ ދުވަސްތަކުގައި ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށް ބެލެވެއެވެ. ވަގުތީ ގޮތުން ބިރުވެރިކަން ކުޑަވި ނަމަވެސް، ހުރްމުޒް ކަނޑުއޮޅިއާއި ރަތް ކަނޑުގެ ސަރަހައްދުގައި ދަތުރުފަތުރުކުރުމުގެ އިތުބާރު އަލުން ހޯދުމަށް ވަގުތު ނަގާނެއެވެ.