ކައުންސިލްތައް ހިންގުމަށްޓަކައި އެއްވެސް ނުފޫޒެއް ހިފަހެއްޓުމެއް ނެތި އިދާރީ އަދި މާލީ ބާރުވެރިކަން ދޭން ޖެހޭ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނިޒާރު މިފަދައިން ވިދާޅުވީ، ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ހިތަދޫ ސިޓީ ސްކެއާގައި ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ނިޒާރު ވިދަޅުވީ، މިނިވަން ދުވަސް ފާހަގަކުރާ އިރު، މިނިވަންކަމުގެ ފުރިހަމަ އިހުސާސް ކުރެވެން ޖެހޭ ކަމަށެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނުގެ ތަންފީޒު ކުރުމުގައި މިހާރު ވަރަށް ގިނަ ގޮންޖެހުންތަކާއި ތަފާތު ކުރުންތައް އެބަހުރި ކަމަށެވެ.
ނިޒާރު އިތުރަށް ވިދާޅުވީ، އެ ތަފާތު ކުރުން ނައްޠާލައި ހަމަހަމަކަމާ އެކު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ހިދުމަތް ދެވޭނީ ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެ ނިޒާމު ތަންފީޒު ކުރަން ކައުންސިލްތަކަށް ފުރުސަތު ލިބިގެން ކަމަށެވެ.
ނަމަވެސް ރާއްޖޭގައި މިހާރު ކަންކަން ބައްޓަންވެފައިވާ ގޮތުން އެ ނިޒާމު އިދާރާ ގޮތުންނާއި މާލީ ގޮތުން ވެސް ތަންފީޒު ކުރަން ހުރި ހުރަސްތަކާއި ދަތިތަކާ ހެދި ރައްޔިތުން އެންމެ އުންމީދު ކުރާ ގޮތަށް ކަންކަން ނުވެދާގޮތަށް މަންޒަރު ފެންނަން ކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި އެކަމުގެ ކަންބޮޑުވުންތަކާއި އުދާސްތައް ރައްޔިތުންގެ ފަރާތުން ކައުންސިލްތަކަށް ހޮވާފައި ތިބި ވެރިންނާ މެދު އުފެދޭނެ ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.