މަސްވެރިންނަށް ކަނޑުއޮތްގިރިން އައިސް ވިއްކަން ފަށާފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯއިން ހާމަކޮށްފިއެވެ.
މިފްކޯއިން ބުނީ، ކަނޑުއޮތްގިރިން އައިސް ވިއްކަމުން އަންނަނީ ކިލޯއެއް 0.75 ރުފިޔާގެ ރޭޓުން ކަމަށާއި، އެއީ ޓަނެއް 750 ރުފިޔާ އަށް ކަމަށެވެ. މިއީ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ މަސްވެރިންނަށް އައިސް ހޯދުމުގައި ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މިފްކޯއިން ކަނޑުއޮތްގިރީގައި ހިންގާ އޮޕަރޭޝަން ފުޅާކޮށް ހަރުދަނާ ކުރުމުގެ ތެރެއިން، ކަނޑުއޮތްގިރީގައި މިފްކޯގެ ހިކިމަސް ކާރުހަނާއެއްވެސް މިމަހުގެތެރޭގައި ވަނީ ހުޅުވާފައެވެ. މިފްކޯގެ ހިކިމަސް ކާރުހާނާ އަކީ ދުވާލެއްގެ މައްޗަށް 3 ޓަނުގެ މަސް ޕްރޮސެސް ކުރެވޭނެ ކާރުޚާނާއެއް ކަމަށް މިފްކޯއިން ވިދާޅުވެއެވެ. މި ކާރުޚާނާއިން ރޯމަސް ގެނެސް، ކަނޑައި މަސް ކެއްކުމުގެ އިތުރުން، މަސް ދިލަ ޖައްސާ ޕެކް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް މިފްކޯ އިން ބުނެއެވެ.
މިމަހުގެ 13 ވަނަ ދުވަހު ކަނޑުއޮތްގިރީގައި ރަސްމީކޮށް ހުޅުވި މި އައިސް ޕްލާންޓަކީ ދުވާލަކު 25 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ތަނެކެވެ. މި އައިސް ޕްލާންޓާއެކު، ހަމަ އެ ދުވަހު އެ ރަށުގައި ވަނީ ހިކިމަސް އުފައްދާ ކާރުހާނާއެއް ވެސް ހުޅުވާފައެވެ.
މަސްވެރިކަން ރަނގަޅުވާ މޫސުމުގައި މަސްވެރިންނަށް އައިސް ނުލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން ކުރާއިރު މިހާރުވެސް 74 އައިސްޕްލާންޓަކުން މަސްވެރިންނަށް އައިސް ފޯރުކޮށްދެމުންދާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ މިފަހުން ވިދާޅުވެފައެވެ. އޭގެ ތެރެއިން 27 އައިސްޕްލާންޓް އޮޕަރޭޓްކުރަނީ ސީދާ މިފްކޯގެ ބެލުމުގެ ދަށުންނެވެ.