އެމްޑީޕީ ސަރުކާރުން ޣައިރު ޤާނޫނީގޮތުގައި ދޫކޮށްލި ކަނޑުގެ ސަރަހައްދު އަލުން އަނބުރާ ހޯދުމުގެ މަސަކަތް މިހާރު ދަނީ ކުރަމުން ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މި ފަދައިން ވިދާޅުވީ ރާއްޖޭގެ 61ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މިނިވަންކަމާއި، ސިޔާދަތާއި، އިސްތިގްލާލް އެއީ، އެންމެންނަށްވެސް އެއްވަރަކަށް އޮތް ހައްގެއް ކަމަށެވެ. އެގޮތުން ހުރިހާ ގައުމުތަކަށްވެސް އެ ގައުމުތަކުގެ ޓެރިޓޯރިއަލް އިންޓެގްރިޓީއަކީ، އެ ގައުމުތަކުގެ މިނިވަންކަން ދެމެހެއްޓުމުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ކަށަވަރުވެގެން ދާންޖެހޭނެ އެއް އަސާސް ކަމުގައި ގަބޫލުފުޅު ކުރައްވާ ކަމުގައެވެ.

"އެހެންވީމާ، އަޅުގަނޑުމެން މިހާރު ވާނެ ސަރަޙައްދުތަކާބެހޭ އޮފީހެއް ގާއިމުކޮށްފައި. މި ސަރަޙައްދުތަކާ ބެހޭ އޮފީހުން މަސައްކަތް ވަނީ ފަށާފައި. މިދިޔަ އެމްޑީޕީ ސަރުކާރުން ޣައިރު ޤާނޫނީގޮތުގައި، ވަރަށް ފިނޑި ގޮތެއްގައި، ވަރަށް ނޭއްގާނި ގޮތެއްގައި، އަޅުގަނޑުމެންގެ ކަނޑުން ބޮޑުބައެއް ސިއްރުސިއްރުން ދޫކޮށްލި. ވަރަށް ބޭއިންޞާފުވެރި ގޮތެއްގައި. އެކަން ބަދަލުކޮށް، އެ ކަނޑުގެ ބައި އަނބުރާ ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާފައި މިވަނީ. އެއީ، ޤާނޫނީ ހަމަތަކުން ބަލާއިރުގައި، އަޅުގަނޑުމެންގެ ސަރަޙައްދު. އެހެންވީމާ، އެ ސަރަޙައްދު ދޫކޮށްލުމުގައި އެ ހިނގައިދިޔަ ކަންތަކުން އިންޞާފު ލިބިގަތުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްތައް އެބަ ކުރަން."

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ، ޗާގޯސް ނުވަތަ ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއް ކަމަށާއި، ތާރީހުން އެކަން ހެކިދޭ ކަމަށެވެ. އެގޮތުން 9 ވަނަ ޙަސަން ރަސްގެފާނުގެ ލިޔުންކޮޅު އެކަން ވަރަށްސާފުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ފޯޅަވައްސަކީ ދިވެހި ރާއްޖޭގެ ތަނެއްކަން ދިވެހި ރައްޔިތުން ވެސް ގަބޫލުރައްވާ ކަމަށެވެ. އެހެން ކަމުން ރައްޔިތުންގެ ހައްގުގައި ކަމާ ބެހޭ އިދާރާތަކާއެކު މަޝްވަރަތަށް ގައުމީ ރޫހުގައި ކުރަމުން ގެންދާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގައި އެއްވެސްކަހަލަ އިންޞާފެއްނެތި، ސަރަޙައްދުތަކުން ބައިބައި ދޫކޮށްލުމާއި، އެއްވެސްކަހަލަ ޤާނޫނީ ހަމަޔަކަށް ބެލުމެއްނެތި، ބޭރު ޤައުތަކުގެ ސިފައިން ރާއްޖޭގައި ބޭތިއްބުމާ، އެފަދަ ކަންކަން ހިންގާފައިވާތީ، އެކަންކަމަށް ޙައްލެއް ގެނައުމަކީ، މި ސަރުކާރުން އިސްނެގި ސިޔާސަތެއް ކަމަށެވެ.