2028 ވަނަ އަހަރުވާނީ 2040އަހަރާ ހަމައަށްދާއިރު ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތަށް ބޮޑު ކާމިޔާބީއެއް ހާސިލްވެގެންދާނެ އަހަރަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްހުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢޫތަކާއި ނިމިދިޔަ 2 ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫޢޫތަކުގެ އަދަދުތައް ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެކި ދާއިރާތަކުން 590 މަޝްރޫޢު މި ސަރުކާރުގެ 2 އަހަރާ 8 މަސްދުވަހުގެ ތެރޭގައި ނިންމާފައިވާ ކަމަށެވެ. މިދިޔަ ސަރުކާރާއި އަޅާކިޔާ ރައީސް ވިދާޅުވީ، ނިމިގެންދިޔަ ސަރުކާރުގައި މި މުއްދަތުގައި ނިންމުނީ އެންމެ 285 މަޝްރޫޢު ކަމަށެވެ. އޭގެ ކުރީގެ ސަރުކާރުގެ މި މުއްދަތުގައި، ދެ އަހަރާ އަށްމަސް ދުވަހުގެ ތެރޭގައި ނިންމުނީ 321 މަޝްރޫޢު ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މިހާރު 1635 މަޝްރޫޢު ހިނގަމުންދާ ކަން ފަހަގަކޮށް ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުގެ މި މުއްދަތުގެ ތެރޭގައި ހިނގަމުންދިޔައީ 414 މަޝްރޫޢު، އަދި އޭގެކުރީ ސަރުކާރުގެ މި މުއްދަތުގައި ހިނގީ 355 މަޝްރޫޢު ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ 2028 ވަނަ އަހަރުގެ މިނިވަން ދުވަސް އަންނަން ވާއިރަށް އެމަނިކުފަނުގެ ތަޞައްވަރު ހާމަކުރައްވާފައެވެ. އެގޮތުން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫޢުތަކާއި ކުނިކޮށިތަކާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ނިންމާ ހުޅުވާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އައުޓްޑޯ ޖިމްތަކާއި ކުޑަކުދިންގެ ޕާކްތަކުގެ އިތުރުން އޭޓީއެމްތައް ނިންމާ ފުލުހުންގެ އަމިއްލަ މަރުކަޒުތަކާއި ލެބޯޓަރީތައް ހިމެނޭހެން ހުރިހާ ރަށެއްގައި ސިއްޙީ ޚިދުމަތް ވަރުގަދަކޮށް ސްކޫލް އިންފްރާސްޓްރަކްޗަރ އިންކުލޫސިވް އެޑިއުކޭޝަން ނިޒާމް ހިމެނޭހެން ވަރުގަދަކުރެވިފައި ހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މަދުވެގެން 100 ރަށުގައި ކައުންސިލް އިމާރާތް ނިންމައި ހަވާލުކުރެވިގެންދާނެ ކަމަށާއި މަދުވެގެން 33 އިންސައްތަ ރިނިއުބަލް އެނަރޖީއަށް 2028ގެ ޖުލައި 26 އަންނައިރު ހުންނާނީ ބަދަލުކުރެވިފައި ކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަދުވެގެން ފަސް މިލިއަން ގަސް އިންދައި ނިންމާއި، މޯލްޑިވްސް 2.0 އޭގެ ފުރިހަމަ މާނައިގައި ތަންފީޒު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.