ރާއްޖޭގެ 61 މިނިވަންދުވަހުގެ މުނާސަބަތުގައި މިރޭ ހަވާ އެރުވުމުގެ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފުން މިކަން ހާމަކޮށްފައި ވަނީ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި އެމްއެންޑީއެފުން ބުނީ މިނިވަން ދުވަހުގެ މުނާސަބަތުގައި، މިރޭ 22:15 ހާއިރު، މާލެ އުތުރު ފަރާތު 1 ނަންބަރު ފާލަމާ ދިމާ ބޭރުން މޫދުގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް 5 މިނެޓެއް ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މިނިވަން ދުވަސް ފާހަގަކުރުމަށް ހަވާއެރުވުމުގެ ހަރަކާތް ކުރިއަށްގެންދަން ހަމަޖެހިފައި ވާއިރު، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމުގެ ކުޅިވަރުތަކާއި މައިދާނީ ޙަރަކާތްތައް މިރޭ ކުރިއަށް ދާނީ 20:30 ގައި ޖުމްހޫރީ މައިދާނުގައެވެ.

މި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ.