ދިވެހި ރާއްޖޭގެ މިނިވަންކަން ރައްކާތެރިކޮށް އަންނަން އޮތް ޖީލަކަށް ގެންގޮސް ދިނުމަކީ ގައުމީ ވާޖިބެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ، 61 ވަނަ މިނިވަން ދުވަހާއި ގުޅިގެން ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

ސީޕީ ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ދެމިއޮތީ، ކާބަފައިން ވެވަޑައިގެންނެވި މަތިވެރި ގުރުބާނީގެ ފޮނި ނަތީޖާއިންކަމަށާއި، އެ މިނިވަންކަން ދެމެހެއްޓުމަކީ، މިހާރު ހުރިހާ ދިވެހިންގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ.

" މި މިނިވަންކަން ރައްކާތެރިކޮށް އަންނާން އޮތް ޖީލުތަކަށް ގެންގޮސް ދިނުމަކީ އަޅުގަނޑުމެން އެންމެންގެ ގައުމީ ވާޖިބެއް"

ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އަޙްމަދު މުޙައްމަދު

މީގެ އިތުރުން ސީޕީ ވިދާޅުވީ، ދިވެހި ފުލުހުން އަބަދުވެސް މަސައްކަތްކުރަނީ އެ މިނިވަންކަން ރައްކާތެރި ކުރުމަށާއި، ރާއްޖޭގައި ކުށްމަދު، އަމާން މުޖުތަމައެއް ގާއިމްކުރުމަށް ކަމަށެވެ. އަދި ގައުމު ބިނާކުރުމުގައި އާއްމުންގެ ޒިންމާ ބޮޑު ކަމަށާއި، ހާއްސަކޮށް ޒުވާނުން އަދާކުރާ ދައުރު ވަރަށް މުހިންމު ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވަނީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމުގެ މަތިވެރި އަޒުމުގައި ދިވެހި ފުލުހުން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ސީޕީ ވަނީ އެންމެން ގުޅިގެން ސުލްހަވެރި އަމާން ވެއްޓެއް ގާއިމްކުރުމަށް ގޮވާލައްވާފައެވެ.

ސީޕީ ވަނީ، ދިވެހިންފުލުހުންނަށް ދޭ އެއްބާރުލުން ފާހަގަކުރައްވާ އެކަމަށްޓަކާ ޝުކުރު އަދާކުރައްވާފައެވެ.