މާލޭގެ މަގުތަކުގައި ތާރު އެޅުމަކުން މާލެއަށް ދިމާވެފައިވާ ޓްރެފިކާއި ހިނގާބިނގާ އުޅުމުގެ ދަތިކަމަށް ހައްލެއް ނުލިބޭނެކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވީ، މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރުއަޅައި، ހެންވޭރު ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އެމްޓީސީސީން ކުރިއަށްގެންދިޔަ މަޝްރޫއު ނިންމައި މިދިޔަ ހުކުރު ދުވަހު ބޮޑުތަކުރުފާނުމަގު ހުޅުވާލުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނަޝީދު ވިދާޅުވީ، މާލެ މަގުތަކުގައި އަލުން ތާރު އެޅުމުން، މާލޭގެ މުޅި މައްސަލަ އަށް ލިބޭނެ ހައްލެއް ނެތް ކަމަށެވެ. އެގޮތުން މާލޭގައި ހިނގާ ބިނގާވެ އުޅެން އެންމެ ބޮޑަށް ދަތީ މާލެ އެތެރޭގެ ހަނި މަގުތަކުގައި ކަމަށެވެ.
ނަޝީދު އިތުރަށ ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގައި މާލޭގެ ޓެރެފިކް ގެ އާ ނިޒާމެއްގެ ޕްލޭން އެއް އެބް އޮޔް ކަމަށާއި، އެގޮތުން ސިޓީ ކައުންސިލަށް އެ މަސައްކަތް ކުރުމަށް ސަރުކާރުން ޖާގަ ދޭން ޖެހޭނެ ކަމަށެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގުގައި ޒަމާނީ ފެންވަރަށް ފަހުން ތަރައްގީ ކުރި ސަރަހައްދު ވަނީ މިދިޔަ ހުކުރު ދުވަހު އާންމުކޮށް ހުޅުވާލައިފައެވެ.
އެމްޓީސީސީން ބުނީ، ޒަމާނީ ފެންވަރަށް އަދި ވަރަށް ޗާލުކޮށް ހަދާފައިވާ އެ މަގުގެ ހެންވޭރު ޓާމިނަލުން ފެށިގެން އެމްއެމްއެމްއޭއާ ހަމައަށް ހެދި ބައި އިއްޔެ ހަވީރު އާންމުންނަށް ހުޅުވާލި ނަމަވެސް ކުދިކުދި ބައެއް މަސައްކަތްތައް އަދި ކުރަންޖެހޭ ކަމަށެވެ. އޭގެ ތެރޭގައި އެއްގަމު ތޮށީގެ ސިޑިތަކުގައި ރެއިލިން ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އެ މަގުގައި މިހާތަނަށް 3،100 އަށް ވުރެ ގިނަ ގަސް އިންދާފައިވާ ކަމަށް ވެސް އެމްޓީސީސީއިން ވަނީ ބުނެފައެވެ.
ބޮޑުތަކުރުފާނު މަގުގެ މި ސަރަހައްދުގައި ޕާކްކުރުން މަނާކޮށްފައިވާއިރު، ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި 500 ސައިކަލުގެ ޖާގައިގެ ޕާކިންގ ޒޯނެއްވެސް ވަނީ ޒޯނެއް ވަނީ ހަދައިފައެވެ. ބޮޑުތަކުރުފާނު މަގު ފުޅާކޮށް އަލުން ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން ފެށީ މިދިޔަ އޮގަސްޓު މަހުއެވެ. އެ މަޝްރޫޢު ކުރިއަށް ދަނީ ފަސް ސެގްމަންޓަކަށް ބަހާލައިގެންނެވެ.
ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގެއް ތާރު އަޅައިގެން ތަރައްގީކޮށް 737 މީޓަރުގެ ޝީޓް ޕައިލިން އާއި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމަށް ހަމަޖެހިފައި ވެއެވެ.
ބޮޑުތަކުރުފާނު މަގުގެ އަލަށް ހެދި ބައި ތަރައްގީކޮށްފައިވަނީ ފަޅުތެރެއިން ބައެއް ހިއްކައިގެން މަގު ފުޅާކުރުމަށްފަހު ތާރު އަޅައިގެންނެވެ. މި މަސައްކަތް ފަށާފައިވަނީ މީގެ ތިން މަހެއްހާ ދުވަސް ކުރިންނެވެ. މި މަޝްރޫއަކީ 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.