ދުންފަތުގެ ވަބާއިން މީހުން ސަލާމަތް ކުރުމަށް އެހީވެދޭ ފަރާތްތަކަށް ހާއްސަ ކޮށްގެން އަންނަ އަހަރުން ފެށިގެން ގައުމީ އިނާމު ދޭން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ، އެކި ދާއިރާތަކުން ގައުމަށް މިނިވަންކަން ހޯދައިދީ ގައުމުގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.
ރާއްޖެއަކީ ފުދުންތެރި، މިނިވަން އަދި އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ގައުމަކަށް ވުމަކީ ކޮންމެހެން ވާންޖެހޭ ކަމެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އިޖުތިމާއީ މިނިވަންކަން ޔަގީންވެފައިވާކަން ކަށަވަރު ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އޭގެތެރެއިން ސިއްހީ ދާއިރާއަކީ ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާ ދާއިރާއެއްކަމަށެވެ.
ހަމަމިއާއެކު، ޒަމާންތަކެއް ވަންދެން ދިވެހިންނަށް ބޭސްފަރުވާއަށް ބޭރު ގައުމުތަކަށް ދާންޖެހިފައި އޮތް އޮތުން ހައްލުކޮށް، އެކަމަށް ދާއިމީ ހައްލެއް ގެނައުމަށް މަސައްކަތް ކުރައްވަމުންދާ ކަންވެސް ރައީސް ވަނީ ހާމަކުރައްވާފަ އެވެ. ރައީސް ވިދާޅުވީ ބަލިވުމުގެ ކުރިން އެބަލިތަކުން ރައްކާތެރި ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށާއި، ދުންފަތާއި ވޭޕާ ގުޅިގެން ހަރުކަށި ފިޔަވަޅުތައް އަޅުއްވާފައިވަނީ އެ މަގުސަދުތައް ހާސިލުކުރަން ކަމަށެވެ.
ރައީސް އިތުރަސް ވިދާޅުވީ، ދުންފަތުގެ ވަބާއިން ރައްޔިތުން ސަލާމަތް ކުރުމަށް މަދަނީ ޖަމުއިއްޔާ ޖަމާއަތްތަކުންވެސް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި އެންމެ ގިނަ މީހުން އެ ވަބާއިން ސަލާމަތްކޮށްދީ، އެވަބާއިން އެންމެ ގިނަ މީހުން މިނިވަން ކުރާ ފަރާތްތަކަށް ހާއްސަ ކޮށްގެން އަންނަ އަހަރުގެ ޖުލައި 26 އިން ފެށިގެން ގައުމީ އިނާމު ދޭން ނިންމަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ހަމަމިއާއެކު، ރާއްޖޭގައި ބޭސް ލިބުމުގެ ދަތިކަމަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ކުރީގެ ސަރުކާރުތަކަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާކަމަށާއި، އެމަނިކުފާނުގެ ސަރުކާރުން އުފައްދަވާފައިވާ ސްޓޭޓް ފާމާގެ ސަބަބުން އެކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް ރައީސް ވަނީ، ވިދާޅުވެފައެވެ.