ދިވެހި ދަރިވަރުން ފަސް ގައުމެއްގައި ކިޔަވަން ސްކޮލާޝިޕްގެ ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.
މިއީ ދިވެހި ދަރިވަރުންނަށް ހާއްސަކޮށް "ސްކޮލާޝިޕް އިންޑިއާ 2026"ގެ ނަމުގައި ދޭ ސްކޮލަޝިޕް ފުރުސަތުތަކެކެވެ.
އެ ސްކޮލާޝިޕްތަކަށް ހުޅުވާލާފައި ވަނީ އިންޑިއާ، މިސްރު، ޕާކިސްތާނު، ތައިލެންޑް އަދި މޮރޮކޯގައި ކިޔެވުމަށެވެ.
އެ ސްކޮލާޝިޕްތަކަށް ހަޔާ އެޑިޔުކޭޝަންގެ ކުރި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.
އެގޮތުން އެ ސްކޮލަޝިޕްތަކުގައި އިންޑިއާގެ ގުޖަރާތުގެ މަރްވާޑީ ޔުނިވާސިޓީގައި ޑިޕްލޮމާ، ބެޗްލާސް ޑިގްރީ، މާސްޓާސް ޑިގްރީގެ އިތުރުން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، އެ ކޯސްތަކަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހު 31ގެ ނިޔަލަށެވެ.
މިސްރުގެ އަޒްހަރު ޔުނިވާސިޓީން ޝަރިއާ އެންޑް ލޯގެ ދާއިރާއިން ކިޔެވުމުގެ ފަސް ފުރުސަތުގެ އިތުރުން ނެޗުރަލް ސައިންސް މެތަމެޓިކްސް އެންޑް ސްޓެޓިސްޓިކްގެ ދާއިރާއިން ކިޔެވުމުގެ 17 ފުރުސަތެއް ހުޅުވާލާފައި ވާއިރު، އަޒްހަރު ޔުނިވާސިޓީގެ ކޯސްތަކަށް ހުށަހެޅުމުގެ ފުރުސަތު ދީފައި ވަނީ އަންނަ މަހުގެ 6 ގެ ނިޔަލަށެވެ.
ހަމައެހެންމެ ޕާކިސްތާނު ހައިކޮމިޝަނުން، އައްލާމާ މުހައްމަދު އިގުބާލް ޔުނިވާސިޓީގައި ކިޔެވުމަށް ހަތް ދާއިރާއަކުން ފުރުސަތު ހުޅުވާލާފައިވާއިރު، އެއީ އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ އާއި ބިޒްނަސް އެންޑް އިކޮނޮމީ އާއި ފުޑް ސެކިއުރިޓީ އެންޑް އިންޓަނޭޝަނަލް ރިލޭޝަނާއި ކޮމްޕިއުޓާ ސައިންސް އެންޑް ޓެކްނޮލޮޖީ އާއި އެލައިޑް ހެލްތު ސައިންސާއި މީޑިއާ އެންޑް ލޭންގުއޭޖުގެ އިތުރުން އެގްރިކަލްޗާ އެންޑް ސޯޝަލް ސައިންސްގެ ދާއިރާއިންނެވެ.
ބެޗްލާސް ޑިގްރީއަށް ކިޔެވުމަށް ދީފައިވާ އެ ސްކޮލާޝިޕްތަކަށް އެޕްލައިކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޮގަސްޓު މަހުގެ 10 ގެ ނިޔަލަށެވެ.
މޮރޮކޯއިން 20 ސްކޮލަޝިޕް ދީފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ބެޗްލާސް ޑިގްރީއަށް ކިޔަވަންދޭ 10 ފުރުސަތާއި މާސްޓާސްއަށް ކިޔަވަންދޭ ފަސް ފުރުސަތުގެ އިތުރުން ޕީއެޗްޑީއަށް ކިޔަވަންދޭ ފަސް ސްކޮލާޝިޕެވެ. އެ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
މީގެ އިތުރުން ތައިލެންޑުގައި މާސްޓާސްއަށް ކިޔެވުމަށް ސްކޮލަޝިޕަށް ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ ނިޔަލަށެވެ.
އެ ސްކޮލަޝިޕްތަކަށް ކުރިމަތިލާ ފަރާތްތަކުން ފޯމާ އެކީ، އެމްކިއުއޭގެ ތައްގަނޑު ޖަހައިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީއަކާއި އެންމެ ފަހުން ކިޔެވި ސްކޫލަކުން ގުޑް ކޮންޑަކްޓް ސެޓްފިކެޓުގެ ކޮޕީއަކާއި އެޗްއައިވީ އާއި އެއިޑްސް އާއި ޓީބީ ޓެސްޓު ހިމެނޭ ގޮތަށް ހަދާފައިވާ މެޑިކަލް ރިޕޯޓު ހުށަހަޅަން ޖެހެއެވެ.