މާލެ އިން ބޭރުގައި ގާއިމުކުރި ފުރަތަމަ ޕިކްޕޯސްޓުގެ ހިދުމަތް ހދ. ކުޅުދުއްފުށީގައި ގާއިމުކޮށްފިއެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން މިއަދު ބުނީ ކުުޅުދުއްފުށީ ސީޓިގައި ދެމުންދިޔަ ޕޯސްޓްގެ ޚިދުމަތްތައް، އެސިޓީއަށް އަލަށް ތަޢާރަފުކުރާ ޕިކްޕޯސްޓް ޚިދުމަތާއެކު މިހާރު އެ ރަށު ބަންޑާރަމަގު، ސީނާ ބިލްޑިންގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާ، ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ހަނދާނީބިނާ ކައިރިއަށް ބަދަލުކުރެވިފައިވާ ކަމަށެވެ.
އެގޮތުން މި ބަދަލުގެ ސަބަބުން ކުޅުދުއްފުށި ސިޓީއިން ޕޯސްޓް ކުރުމާއި ޕާރުސަލް ނެގުމާއި ޕޯސްޓްގެ އެހެން ޚިދުމަތްތައް ހޯއްދަވާ ފަރާތްތަކަށް، ޚިދުމަތް ހޯދުމުގައި ވަރަށް ބޮޑު ފަސޭހައެއްވެ، ޚިދުމަތް ހޯދުމަށް ކުރަންޖެހޭ ތަޖުރިބާގެ ފެންވަރު ރަނގަޅު ވެގެންދާނެ ކަމަށް ޕޯސްޓު އޮފީހުން ބުނެފައި ވެއެވެ.
މޯލްޑިވްސް ޕޯސްޓުން ބުނީ ކުޅުދުއްފުށީ ސީޓީއަށް 26 ޖުލައި 2026 ގައި ތަޢާރަފު ކުރެވުނު ޕިކްޕޯސްޓް ޚިދުމަތުގެ ސަބަބުން ޕާރުސަލް ނެގުމަށްޓަކައި ޚިދުމަތް ހޯދާފަރާތުން ކިއު އެއްގައި މަޑުކުރަންނުޖެހި ޚިދުމަތް ހޯދުމާއި ޕާރުސަލް ނެގުމަށް މޯލްޑިވްސް ޕޯސްޓުން ކުރާ މެސެޖުގައި ހިމެނޭ ވަގުތުގެ ތެރޭގައި އެ ފަރާތަކަށް ފަސޭހަ ކޮންމެއިރެއްގައި އައިސް ޕާރުސަލް ނެގުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ.
އަދި ކުރިއެކޭވެސް އެއްފަދައިން، ކުޅުދުއްފުށީ ސީޓީގެ ޕޯސްޓް އޮފީސް މެދުވެރިކޮށް އަތޮޅުތެރޭގެ ރަށްތަކާއި އެހެން ރަށްތަކަށާއި ސިޓީތަކަށް ފޮނުވުމަށް ބޭނުންވާ ތަކެތި ނުވަތަ ޕާރުސަލް ޕޯސްޓް ކުރުމުގެ ޚިދުމަތާއި، ރާއްޖެއިން ބޭރު އެހެން ގައުމުތަކަށް ޕޯސްޓް ކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށް ޕޯސްޓުން ބުނެއެވެ.
އަދި، ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތަކަށް ޙާއްސަ "ރަށު އޮންލައިން ފިހާރަ" ނުވަތަ "ކޮމިއުނިޓީ އޮންލައިން ޝޮޕް"ގައި ތަކެތި ވިއްކުމަށް ބޭނުންވާ އެހީތެރިކަމާއި ޕްލެޓްފޯމް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން އެ ގަންނަ ފަރާތްތަކަށް ޕޯސްޓްގެ ނިޒާމު މެދުވެރިކޮށް އިތުބާރާއި ޔަގީންކަމާއެކު ރައްދުކޮށްދިނުމުގެ ޚިދުމަތްތައް ފޯރުކޮށްދޭނެ ކަމަށްވެސް ޕޯސްޓުން ބުނެފައި ވެއެވެ.
އަދި އީޓުކުރި ލޯކަލް މެދުވެރިކޮށް ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައްވެސް އެ ޕްލެޓްފޯރމްގެ ތެރެއިން ފޯރުކޮށްދެވޭނެ ކަމަށްވެސް ޕޯސްޓުން ބުނެއެވެ.
ޕޯސްޓްގެ އޮޕަރޭޝަނަލް އިންފްރާސްޓރަކްޗަރ ހަރުދަނާކޮށް ތަރައްގީކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގެ ސަބަބުން، ލީޑިން ޓްރޭޑް ފެސިލިޓޭޓަރެއްގެ ގޮތުން މޯލްޑިވްސް ޕޯސްޓުން އަދާކުރަމުންދާ ރޯލް އިތުރަށް ފުޅާކުރެވި، އަދި ޚިދުމަތްތައް ޒަމާނީކޮށް ރައްޔިތުންނާވީހާވެސް ކައިރިން، ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތްތައް އިތުރުހަރުފަތަކަށް ކުރިއަށްގެންދެވޭނެކަން ޔަގީން ކުރެވޭކަމަށް މޯލްޑިވްސް ޕޯސްޓުން ވަނީ ހާމަކޮށްފައެވެ.