ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމުގެ ކުޅިވަރުތައް މިރޭ ޖުމްހޫރީ މައިދާނުގައި އޮންނާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިންބުނެފިއެވެ.
މި ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އެމްއެންޑީއެފްއިން ބުނީ މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ މައިދާނީ ކުޅިވަރު ހަރަކާތްތަކާއެކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އަސްކަރީ ހިނގާލުން މިރޭ 20:30ގައި މާލޭގައި އޮންނާނެ ކަމަށެވެ.
މިގޮތުން ޖުމުހޫރީ މައިދާނުން ފެށުމަށް ހަމަޖެހިފައިވާ އަސްކަރީ ހިނގާލުމުގައި، އެމްއެންޑީއެފް ބޭންޑާއެކު ޖުމްލަ ހަ ގެމަ ބައިވެރިވާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މި އަސްކަރީ ހިނގާލުމުގައި އެމްއެންޑީއެފްގެ ކޯރތަކާއި ތަފާތު ދާއިރާތަކުގެ ޚިދުމަތްތައް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި އަސްކަރީ ހިނގާލުމުގެ ލަޝްކަރު، މާލޭގެ ހަތަރު ސަރަހައްދެއްގައި މަޑުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެއީ މަޖީދީމަގާއި ބޮޑުތަކުރުފާނުމަގު ޖަންކުޝަން ކައިރިން އާޓިފިޝަލް ބީޗާއި، އަމީނީމަގު ކުޑަކުދިންގެ ބަގީޗާ ކުރިމަތީގެ އިތުރުން އަމީނީމަގު ގަލޮޅު ޕޮލިސް ކުރިމަތި އަދި ކަޅުތުއްކަލާކޮށީގެ ހުޅަނގު އުތުރު ކަންމައްޗެވެ. ލަޝްކަރު ހުއްޓޭ މި ސަރަހައްދުތަކުގައި ސިފައިންގެ ބޭންޑުން ތަފާތު ރާގުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.