ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ ހިދުމަތުގެ އަގުވަޒަންކުރައްވައި، 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ އާއި ހަނދާނީލިޔުން ދެއްވައިފިއެވެ.

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވި ރަސްމީ ޖަލްސާގައި މި ހިދުމަތްތެރީންނަށް ޝަރަފު އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މިއަހަރު މި އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ސިއްޙީ ދާއިރާއާއި،، ތަޢުލީމީ ދާއިރާއާއި، ވިޔަފާރީގެ ދާއިރާގެ އިތުރުން ޤައުމަށް ބޭނުންތެރި އެތައް ދާއިރާއަކުން ދިގު މުއްތަކަށް ޚިދުމަތް ކުރައްވާފައިވާ ފަރާތްތައް ހިމެނެއެވެ.

އެގޮތުން މިއަދު ޝަރަފުގެ ބެޖާއި އައްޑަނަ އާއި ހަނދާނީލިޔުން ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން، މިހާތަނަށް އިނާމު އެރުވިފައިނުވާ ބޭފުޅުންނަށް މި އިނާމު އެރުވުމަށް ރައީސް ނިންމަވައި، އެ ބޭފުޅުންގެ ރެކޯޑުތައް ރައީސްގެ އޮފީހުން ހޯއްދެވުމަށްފަހު، ގައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމުން، އެ މައުލޫމާތު، ކޮމިޓީން ދިރާސާ ކޮށް އެ ބޭފުޅުންނާ ކޮމިޓީން ބައްދަލުކޮށް، އެ ބޭފުޅުންގެ ތެރެއިން އިނާމަށް ޝަރުތު ފުރިހަމަވި ބޭފުޅުން ހިމެނެ އެވެ.

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ޢާންމުކޮށް ހުޅުއްވައިލައްވައި، މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވިއިރު، 130 ފޯމު ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވަނީ، ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ޚިދުމަތްކުރި ނުވަތަ ޚިދުމަތްކުރާ މުވައްޒަފެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އެމީހަކު އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުންނެވެ.