ދިވެހި ރާއްޖޭގެ ހާރިޖީ ސިޔާސަތު "ގޮނޑި ކޮއްކޮގެ" އުސޫލުން ގެންގުޅެފަ އެބަހުރި ކަމަށާއި، އެއީ މި ގައުމުގެ ހާރިޖީ ސިޔާސަތު އޮންނަން ޖެހޭނެ ގޮތެއް ނޫން ކަމުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަންދުވަހާ ގުޅިގެން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރާއްޖޭގެ ހާރިޖީ ސިޔާސަތަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ވަރަށް ސާފު ކަމަށާއި، ދިވެހިންނަށް އިސްކަން ލިބޭ، ރާއްޖެއަށް ރަނގަޅުގޮތް މެދުވެރި ވެގެންދާނެ ގޮތް އިސްކޮށް، ދިވެހީންނާއެކު ގާތް ގުޅުމެއް ބާއްވައިގެން މަސައްކަތްކުރަން ތިބި އެންމެނާ އެކުގައި މަސަކަތް ކުރުމުގެ ސިޔާސަތު މި ސަރުކާރުން އަބަދުވެސް ގެންގުޅޭނެ ކަމަށެވެ.
މީ ފަހުރުވެރި ދިވެހީންގެ ރާއްޖެ ކަމަށާއި، މި ރާއްޖޭގައި އިސްކުރަން ޖެހޭނީ ދިވެހިންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެއީ މި ސަރުކާރުގެ ހާއްސަ ސިޔާސަތެއް ކަމަށާ މޯލްޑިވްސް ފަސްޓް ފޮރިން ޕޮލިސީގެ ދަށުން އިޒްރޭލް ފިޔަވައި ދުނިޔޭގެ ހުރިހާ ގައުމަކާ ގުޅުން ބާއްވަވާނެ ކަމަށެވެ.
އިޒްރޭލާ އެކު ހާރިޖީ ގުޅުން ނުބާއްވަވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މުސްލިމް އަހުންނާއި އުހުތުންގެ ހިއްތަކުގެ އެންމެ ފުން ނާރުތަކާ ގުޅިފައިވަނީ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންގެ ޖިހާދު ކަމަށެވެ. އެގޮތުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުން އެދާ އަނިޔާ މި ދިވެހި ގައުމު ގަބޫލު ނުކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެ އަނިޔާ ވެރިކަން ފަލަސްތީނުގައި ހިނގަމުން ދާހާ ހިނދަކު، މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ތަންފީޒު ކުރަމުން ދާހާ ހިނދަކު އިޒްރޭލާ ދިވެހި ރާއްޖެއާ ދެމެދު ހާރިޖީ ގުޅުމެއް ނުބާއްވަވާނެ ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ވިންދާ އިހުސާސާ އެއްގޮތަށް މި ރީތި ދިވެހި ރާއްޖޭގެ ހިތްގައިމު ފަސްގަނޑަށް އިޒްރޭލް ގެ ޕާސްޕޯޓުގައި އެއްވެސް ފަތުރުވެރިއަކަށް އައުމުގެ ހުއްދައެއް ނޯނާނެ ކަމަށާއި، އެކަން އެގޮތުގައި ދަމަހައްޓާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.