މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި ހިތްތަކުގައި އަށަގެންނެވުން މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުހައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 61ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައްޔިތުންްނަށް ފޮނުއްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

އެކަމަނާގެ މެސެޖުގައި ވިދާޅުވީ ހިތްތަކުގައި ޤައުމީ ލޯބީގެ ފަޚުރާއި ޝަރަފު އުތުރި އަރަމުންދާ، އުފާވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި، އަޚުންނާއި އުޚުތުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރާ ކަމަށެވެ.

އަދި މިނިވަންކަމުގެ މަތިވެރި ނިއުމަތް ދިވެހިންނަށް ލިބިފައި މިވަނީ މާޒީގައި ކާބަފައިން ކުރެއްވި މަތިވެރި ޤުރުބާނީތަކެއްގެ ސަބަބުން ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެހެންކަމުން، މިއަދު އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބަކަށް ވާންޖެހޭނީ، މިނިވަންކަމަށްޓަކައި ކާބަފައިންވީ ޤުރުބާނީގެ ހަގީގަތްތައް އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން ކަމަށް މެޑަމް ސާޖިދާގެ ޕޯސްޓުގައި ވިދާޅުވިއެވެ.

މީގެ އިތުރުން އެކަމަނާގެ ޕޯސްޓުގައި ވަނީ މިނިވަންކަން ދެމެހެއްޓުމަށް ދިމާވާ ކޮންމެ ހުރަހެއް ފަހަނަޅައި ދިއުމުގެ ހިތްވަރާއި ޖޯޝުހުރި ޤައުމީ ލޯތްބެއް ޒުވާނުންގެ ހިތްތަކުގައި އަށަގެންނެވުން މުހިންމު ކަމަށާއި އިލްމާއި އަޚްލާޤުން ތަރުބިއްޔަތުވެފައިވާ ޖީލެއް ބިނާކުރުން މުހިންމުކަމަށް ފާހަގަކުރައްވާފައެވެ.