ސިޔާސީ ގޮތުން މިނިވަން ކަން ލިބުމަކުން ގައުމެއް މިނިވަން ވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިނިވަން ކަމަކީ އޭގެ މާނަ ވަރަށް ފުންކޮށް ނެގިދާނެ އެއްޗެއް ކަމަށެވެ. ހަމަ އެކަނި ސިޔާސީ ގޮތުން މިނިވަންކަން ލިބުމަކުން ގައުމެއް މިނިވަން ވާނެ ކަމަށް ގަބޫލުފުޅު ނުރުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ހާރިޖީ ގޮތުން، ލިބިގެންދާ މިނިވަން ކަމާއި، ދާހިލޭ ގޮތުން އެ ގައުމެއްގަ މިނިވަންކަން އޮތް ވަރާ، ޝަރުއީ ގޮތުން އެ ގައުމެއްގަ މިނިވަންކަން އޮތް ވަރާ، އިގުތިސޯދީ ގޮތުން ގައުމުގެ މިނިވަން ކަން އޮތް ހިސާބާ، އިޖުތިމާއީ މިނިވަން ކަމާ، މިއިން ކޮންމެ ކަމަކީ ގައުމުގެ މިނިވަން ކަމުގެ ހަގީގީ އިހުސާސް ކުރާނެ ކަންކަން ކަމަށެވެ.
މީގެ އިތުރުން މިނިވަން ދުވަހެއްގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދިނުން ކުރިއަށް ގެންގޮސްފައިވަނީ، ކީއްވެތޯ ސުވާލު އުފެދިދާނެ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއަދަކީ މިކަމަށް ވަރަށް މުނާސަބު ދުވަހެއް ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ގައުމުގެ މިނިވަން ކަން ގެއްލިގެންދިޔަ ކޮންމެ ފަހަރަކު އެކަން ހިނގާ ގޮސްފައިވަނީ، މި ސިފަތައް އެބައެއްގެ ކިބައިގައި ނެތް ދިވެހިންތަކެއް އަޑީގައި ތިބެގެން، އެކަމުގައި ބައިވެރިވުމުގެ ސަބަބުން ކަމަށެވެ. އަދި އެ މިނިވަންކަން ހޯދައިދެއްވި ކޮންމެ އަބުތޯލަކު، ކުރެއްވި ވަރުގަދަ ޖިހާދުގައި، ކުރެއްވި މަސައްކަތްފުޅުގައި އެއިން ކޮންމެ ބޭފުޅެއްގެ ކިބައިންވެސް ފެނިގެން ގޮސްފައިވަނީ މި ސިފަތައް ކަމަށެވެ. އަދި މިއަދު، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދިނުން ގުޅިގެން ދަނީ އެހެންވެ ކަމަށް ރައީސް ވިދާޅުވީ އެވެ.
ރައީސް ވިދާޅުވީ، އަޒުމަކަށް ވާންވީ މި މިނިވަންކަން ތާއަބަދަށް ދެމެހެއްޓުމަށް ޓަކައި، ކޮންމެ މީހެއްގެވެސް އަމަލުތަކުގައި، އެ ސިފަތަށް އަށަގެންނެވުމަށް ކަމަށެވެ.