ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ޝަރަފު 4 ބޭފުޅަކަށް އަރުވައިފިއެވެ.

އެ ޢިއްޒަތް އެ ބޭފުޅުންނަށް އެރުވީ މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ނ.ޢ.ޢ.ވ ގެ ޝަރަފު އެރުވި 4 ބޭފުޅުންނަކީ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ އާއި، ޑރ. މުޙައްމަދު ލަޠީފް އާއި، ޙުސައިން ޢަފީފް އަދި މުޙައްމަދު މޫސާ (އުއްޗު) އަށެވެ.

ނ.ޢ.ޢ.ވ ގެ ޝަރަފު އެރުވި އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ، ރާއްޖެއަށް ތަފާތު އެކި ރޮނގުރޮނގުން ޚިދުމަތް ކުރައްވައިފައިވާ، މިހާރުވެސް އެ ޚިދުމަތުގައި ދެމިހުންނެވި ޢިލްމުވެރި ބޭފުޅެކެވެ.

އެމަނިކުފާނުގެ ޚިދުމަތް އެންމެ ފާހަގަވެގެންދަނީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނީ ޢިލްމު އުނގަންނައިދެއްވުމާއި، ދީނީ އެކި ފޮތްފޮތް އެކުލަވައިލެއްވުމުގެ ރޮނގުން ކުރައްވައިފައިވާ އަގުހުރި މުހިންމު މަސައްކަތްޕުޅުތަކެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ، ދީނީ ރޮނގުން އެތައް ފޮތްތަކެއް އެކުލަވައިލައްވައި ޝާއިޢުކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، 11 ފޮތެއް ތަރުޖަމާ ކުރައްވައިފައިވާއިރު، ތަޞްނީފު ކުރައްވައި ޝާއިޢު ކުރައްވައިފައިވާ ފޮތްތަކުގެ އަދަދުވެސް ފަންސާހަށްވުރެ ގިނައެވެ. މީގެއިތުރުން، ދީނީ ތަފާތު އެތައް ޕުރޮގުރާމުތަކެއްވެސް ވަނީ ލިޔުއްވައި ތައްޔާރުކުރައްވައި، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ އަޑުފުޅުން ރެކޯޑުކޮށްދެއްވައިފައެވެ. ދިވެހިރާއްޖޭގެ އަޑާއި، މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާއާ ގުޅިގެން "ޤުރްއާން ކިޔަވަން ދަސްކުރަމާތޯ" މި ނަމުގައި 365 ޕުރޮގުރާމުގެ ސިލްސިލާއެއް އުފެއްދެވިއެވެ. އަދި "ޤުރްއާނާއި ސައެންސް"ގެ ނަމުގައި 52 ޕުރޮގުރާމުގެ ސިލްސިލާއެއްވެސް ލިޔުއްވިއެވެ. ޓެލެވިޜަން މޯލްޑިވްސްއިން ފޮނުއްވަމުން ގެންދަވާ އަދި ކޮންމެ ރަމަޟާން މަހަކު އެ ޕުރޮގުރާމެއް ބެލުމަށް ދިވެހީންގެ ވަރަށްގިނަ ބަޔަކު މިހާރުވެސް ޝައުޤުވެރިވާ " مُحَمَّـد رســول اللّـه" މި ސިލްސިލާގެ ހުރިހާ ޕުރޮގުރާމުތަކެއް ދިވެހިބަހަށް ތަރުޖަމާ ކޮށްދެއްވައިފައިވަނީވެސް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއެވެ. އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ، ނޫސްވެރިކަމުގެ ރޮނގުންވެސް ޚާއްޞަ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. ތަފާތު މަޖައްލާތަކާއި ނޫސްތަކުގެ މަސްއޫލުވެރިކަމުގެ އިތުރުން، ސެކްރެޓެރީކަމާއި، މުޤައްރިރުކަންވެސް ކުރައްވައިފައި ވެއެވެ. "އަމާޒު" މަޖައްލާއަށާއި، "ފަތްތޫރަ" މަޖައްލާއަށާއި، އަދި އެހެނިހެން މަޖައްލާތަކަށްވެސް އެކިއެކި ލިޔުންތައް ލިޔުއްވަމުން ގެންދެވިއެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ، 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައި، އިސް މަގާމުތަކެއް ފުރުއްވައިފައިވާ ބޭފުޅެކެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވާފައިވާ ޑރ. މުޙައްމަދު ލަޠީފް ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާއިރު އެމަނިކުފާނުގެ ޚިދުމަތުގެ އެންމެ ދިގު މުއްދަތެއް ހޭދަކުރެއްވީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައެވެ.
ތަޢުލީމީ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށްޓަކައި އަދި ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ޒަމާނީ ބަދަލުތައް ގެންނެވުމަށާއި، ރާއްޖޭގައި މަތީ ތަޢުލީމުގެ ދާއިރާ ފުޅާކުރައްވައި، ހަރުދަނާކުރެއްވުމަށް އެ މަނިކުފާނު ކުރައްވައިފައިވާ މަސައްކަތްޕުޅުތަކަކީ، ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކެކެވެ. ޑރ. މުޙައްމަދު ލަޠީފަކީ، ދައުލަތުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވައިފައިވާ ބޭފުޅެކެވެ. އެ މަނިކުފާނު ފުރުއްވި އެންމެ އިސް އެއް މަގާމަކީ، މިނިސްޓަރ އޮފް އެޑިޔުކޭޝަން ކަމުގެ މަގާމެވެ.
ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ޚިދުމަތުގައި އެ މަނިކުފާނު ހޭދަކުރެއްވި 22 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ތަފާތު އެކި ރޮނގުތަކުން ވަނީ ޚިދުމަތް ކުރައްވައިފައެވެ. ކިޔަވައިދިނުމުގެ މަންހަޖު އެކުލަވައިލައި، މުދައްރިސުން ތަމްރީނު ކުރުމުގެ ޚާއްޞަ މަރުކަޒެއްގެ ގޮތުގައި "އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރ" އުފެދިގެން ދިޔުމުގައްޔާއި، އޭގެ ފަހުން މުދައްރިސުން ތަމްރީންކުރުމަށްޓަކައި އަލަށް ގާއިމުކުރެވުނު "މުދައްރިސުންގެ ތަޢުލީމީ މަރުކަޒު" އުފެދިގެން ދިޔުމުގައްޔާއި، "މޯލްޑިވްސް ސެންޓަރ ފޮރ މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން" އުފެދި ތަރައްޤީ ކުރެވިގެން ދިޔުމުގައިވެސް ޑރ. މުޙައްމަދު ލަޠީފް އަދާކުރެއްވި ދައުރު ވަރަށް މުހިއްމެވެ.
ރާއްޖޭގެ ފުރަތަމަ އަދި ދެވަނަ އެޑިޔުކޭޝަން މާސްޓަރ ޕްލޭން އެކުލަވައިލުމުގެ މޭސްތިރިއެއްގެ ގޮތުގައި ހުންނެވީވެސް ޑރ. މުޙައްމަދު ލަޠީފެވެ.
ނ.ޢ.ޢ.ވ.ޙުސައިން ޢަފީފަކީ ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފުކޮށްދެއްވި ބާނީންގެ ތެރެއިން އެއް ބާނީއެވެ. އެމަނިކުފާނަކީ، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ކުރެއްވި އެންމެ އިސް އެއް މޭސްތިރިވެސް މެއެވެ. ޙުސައިން ޢަފީފު ޤައުމީ ޚިދުމަތަށް އިސްކަންދެއްވުމުގައި މިހާތަނާ ޖެހެންދެންވެސް ދެމިހުންނެވިކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ، އެ މަނިކުފާނު، ދިވެހިރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީކުރެއްވުމަށްޓަކައި ކޮށްދެއްވި ދެމެހެއްޓެނިވި މަސައްކަތްޕުޅުތަކެވެ. އެންމެ ފުރަތަމަ ރާއްޖެއަށް ފަތުރުވެރިން ގެންނެވުމަށްޓަކައި މަސައްކަތް ފެށްޓެވިއިރު، ރިޒޯޓު ދާއިރާގެ އެކި ވަޒީފާތައް ކަމުގައިވާ ރިޒޯޓުގެ ބަދިގޭގައި މަސައްކަތް ކުރެއްވުމާއި، ޓުއަރ ގުރޫޕްތަކުގައި މަސައްކަތް ކުރެއްވުން އަދި މެނޭޖްމަންޓުގެ ދާއިރާގައިވެސް ޢަފީފް މަސައްކަތް ކުރެއްވުން ހާމަކޮށްދެނީ، ދިވެހިރާއްޖޭގައި ހޮސްޕިޓޭލިޓީގެ ދާއިރާގައި ވަކި މިންގަނޑުތަކެއް ހިފެހެއްޓެވުމަށް ޢަފީފް ދެއްވި އިސްކަމެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި ފާހަގަކޮށްލެވޭ މުހިންމު ބަދަލެއްގެ ގޮތުގައި ތަޢާރުފު ކުރެވިގެންދިޔަ، ތިމާވެށްޓާ ރައްޓެހި ހަކަތަ ބޭނުންކޮށްގެން، 2014 ވަނަ އަހަރު ފަހުކޮޅު ރާއްޖޭގައި ހުޅުވި ދުނިޔޭގެ އެންމެ ފުރަތަމަ ސޯލަރ ރިޒޯޓު، މާލެއަތޮޅު ގަސްފިނޮޅުގައި ތަރައްޤީ ކުރައްވައި ޚިދުމަތް ދެއްވަން ފެށްޓެވުމާއެކު، އެ ބަދަލުވެގެން ދިޔައީ ފަތުރުވެރިކަމުގެ ދާއިރާއަށް ޢަފީފް ގެނެސްދެއްވި އިންޤިލާބީ އަދި އުންމީދީ ބަދަލެއްގެ ގޮތުގައެވެ. ޔޫރަޕާއި ބައިނަލްއަގުވާމީ ތަފާތު މާކެޓުތަކުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރެއްވުމުގައި ޙުސައިން ޢަފީފު ކުރައްވާފައިވާ ގިނަގުނަ މަސައްކަތްތައްވެސް އެމަނިކުފާނުގެ ޚިދުމަތްތަކުގެ ތެރޭގައި ފާހަގަކޮށްލެވެއެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވާފައިވާ، މުޙައްމަދު މޫސާއަކީ، ޒުވާން އުމުރުފުޅުގައިވެސް ވަރަށް މަސައްކަތްތެރި ބޭފުޅެއްގެ ގޮތުގައި ފެނިގެންދިޔަ ބޭފުޅެކެވެ. ޚާއްޞަކޮށް، ވިޔަފާރީގެ ދާއިރާގައި ކުރިއަށް ވަޑައިގަތުމުގެ ވަރަށްބޮޑު ޝައުޤުވެރިކަމެއް ތުއްޕުޅުއިރުއްސުރެ ހިތްޕުޅުގައި އުފެދިފައިވާ ބޭފުޅެކެވެ. މުޙައްމަދު މޫސާ، މަޖީދިއްޔާ ސްކޫލުން ތަޢުލީމު ޙާޞިލު ކުރެއްވުމަށްފަހު، ޢާއިލާގެ އެހީތެރިކަމާއެކުގައި، އިންޑިއާގެ ޓެމިލްނާޑޫގެ ޢުމަރު އާބާދުގައި ހުންނަ ޖާމިޢާ ދާރުއްސަލާމުން ތަޢުލީމު ހާސިލު ކުރައްވަމުން ގެންދެވިއިރު، ހިންދީބަހާއި، އުރުދޫބަސް ވަރަށް ރަނގަޅަށް ދަސްކުރެއްވިއެވެ. އެއަށްފަހު، ތަފާތު މަސައްކަތްތައް ދަސްކުރެއްވުމުގެ ގޮތުން، ކޮއިންބަތޫރަށް ވަޑައިގެން، އެތާނގެ ބައެއް ކާރުޚާނާތަކުގައި ޚިދުމަތް ކުރައްވައި، އެކިއެކި މަސައްކަތް ދަސްކުރައްވައި، އެކި ރޮނގުރޮނގުން ތަޖުރިބާ ހާސިލު ކުރެއްވިއެވެ.
މުޙައްމަދު މޫސާ އިންޑިއާއިން ކިޔަވައިވިދާޅުވެގެން އެކި މަސައްކަތްތައް ދަސްކުރައްވައިގެން އެނބުރި ރާއްޖެއަށް ވަޑައިގެން، ދަސްކުރެއްވި އެ މަސައްކަތްތަކުން އާމްދަނީ ހޯއްދެވުމުގެ މަސައްކަތް ފެށްޓެވިއެވެ. މުޙައްމަދު މޫސާ، އިޤުތިޞާދީ އެކިއެކި މަސައްކަތްތަކުގައި ޢަމަލީގޮތުން ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދެވީ، އެ މަނިކުފާނުގެ ހިތްޕުޅުގައި އެކަންކަމަށް އުފެދިފައިވާ ޝައުޤުވެރިކަމުގެ ބޮޑުކަމުންނެވެ. އޭގެތެރެއިން ދަނޑުވެރިކަމަކީ، މުޙައްމަދު މޫސާ ވަރަށް ކުރައްވާހިތްޕުޅުން ކުރައްވަން ފެށްޓެވި މަސައްކަތެކެވެ. އަމިއްލަފުޅަށް އެ މަސައްކަތް ފަށްޓަވައި، ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދަވައި، އެތައް ބަޔަކަށް އެ މަސައްކަތް ދަސްކޮށްދެއްވިއެވެ. ރާއްޖޭގައި ދަނޑުވެރިކަމުގެ މަސައްކަތް އެކި ފެންވަރުގައި ކުރަމުން ގެންދިޔަ ފަރާތްތަކަށް، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވައި، ދަނޑުވެރިކަމުގެ އުފެއްދުންތައް ބާޒާރަށް ނެރުއްވައި، އެކަށީގެންވާ އަގެއްގައި ލިބޭނެ އިންތިޒާމު މުޙައްމަދު މޫސާ ހަމަޖައްސަވައި ދެއްވިއެވެ. މުޙައްމަދު މޫސާއަކީ، ސަރުކާރުގެ އެގްރިކަލްޗަރ އެޑްވައިޒަރީ ބޯޑުގެ މެންބަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. ދަނޑުވެރިކަމުގައި ގަސްގަހާގެއްސާ ގުޅޭ މަސައްކަތް ކުރައްވައިގެން، 1996 ވަނަ އަހަރު އެ މަނިކުފާނަށް ވަނީ "ތިމާވެށީގެ ފެހިފަތް" ސަރުކާރުން އަރުވައިފައެވެ.
މުޙައްމަދު މޫސާ މިހާރުވެސް ގެންދަވަނީ، ކާބޯތަކެތި އަދި ތަފާތު ބާވަތްތަކުގެ ބެވަރެޖްތައް ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށާއި، އާންމު ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި "ޗަމްޕާ ހޯލްސޭލް" ވިޔަފާރި ޤާއިމުކުރައްވައި ޚިދުމަތް ދެއްވަމުންނެވެ.