ގައުމުގައި މިނިވަންކަން ދެމެހެއްޓުމަށް އެނެމްންގެ އެއްބާރުލުން އިންތިހާއަށް ބޭނުންވާ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަނީ، ދިވެހި މިނިވަންކަމަށް ބުރުއެރި ކޮންމެ ފަހަރަކު އޭގެ ކޮންމެވެސް ހިސާބެއްގައި ދިވެހިންގެ ބަޔަކު ހިމެނޭކަން ތާރީހުން ކަށަވަރު ވާކަން ފާހަގަކުރައްވާފަ އެވެ.

އެހެންކަމުން ގައުމުގައި މިނިވަން ފިކުރު އުފައްދާ ދެމެހެއްޓުމާ، ގައުމީ މިނިވަން ކަން ނެގެހެއްޓުމުގައި އެނެމްންގެ އެއްބާރުލުމާއި، އެހީތެރިކަން އިންތިހާއަށް ބޭނުންވާ ކަމަށް ވަޒީރު ހީނާ ވިދާޅުވި އެވެ.

އެއީ އަލި ރަސްގެފާނު ގިނި ކަންޏާ ދޫކޮށް ދެބައި ލަޝްކަރީން ފުރަގަހަށް އެނބުރުން ކަމަށް ވިޔަސް، އެއީ ހަސަންތާޖުއްދީންގެ ދެ ދަރިކަލުންގެ ހިޔާނާތް ކަމަށް ވިޔަސް އަދި އެއީ ހިމާޔަތުގެ އެގްރީމެންޓޭ ކިޔާ ލިޔުމެއްގައި ސޮއިކުރައްވަން މަޖުބޫރުވީ ސަބަބު ކަމުގައި ވިޔަސް، އެއީ އަޅުގަނޑުމެންގެ ހަނދާނުގައި ހިނގި ކަންކަން ނަމަވެސް ދިވެހި މިނިވަންކަމަށް ބުރުއެރި ކޮންމެ ފަހަރަކު އޭގެ ކޮންމެވެސް ހިސާބެއްގައި ދިވެހިންގެ ބަޔަކު ހިމެނޭކަން ތާރީހުން ކަށަވަރު ކޮށްދޭ"

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު

ވަޒީރު ހިނާ ވަނީ މަރްހޫމް އިބްރާހީމް ޝިހާބުގެ ބަސްފުޅަކަށް ރިއާޔަތްކުރައްވައި، ގައުމީ މިނިވަންކަމެއް ދެމިއޮންނާނީ، އަފްރާދުންގެ މެދުގައި، ޖަމާއަތުގެ މެދުގައި، މުޅި ގައުމުގައި އެކުވެރިކަމާއި އެއްބާރުލުން ދަމަހައްޓައިގެން ކަމަށް ވިދާޅުވެފަ އެވެ. އަދި ކޮންމެ މީހަކުމެ އަނެކެއްގެ މަސްލަހަތަށް ރައްކާތެރިވުމުގެ އިތުރުން ފިތުނަ ފަސާދައިން ސަލާމަތްވެ ތިބެގެން ކަމަށްވެސް ވަޒީރު ހިނާ ވިދާޅުވި އެވެ.

ހީނާ ވަނީ، ގައުމުގެ ނަމުގައި ގޮވާލެވޭ ހިނދު ލޯތްބާ އެކު، ސަފު ހިތަކުން އިޖާބަ ދިނުމަށާއި، ދެބަސްވާ ފިކުރުގެ ތެރެއިން ގައުމުގެ މަސްލަހަތުކަމުގައި ހިމެނޭ ކަން ކަމުގައި އެއްބައިވަންތަވުމަށް އިލްތިމާސް ކުރައްވާފަ އެވެ. ހީނާ އިތުރަށް ވިދާޅުވީ، ދިވެހި ވަންތަ ކަމަކީ އެންމެން ގައުމީ ގޮތުންވާ އެންމެ ބޮޑު އިއުތިރާފް ކަމަށެވެ.

ދިވެހި ވަންތަ ކަމަކީ އަޅުގަނޑުމެން އެންމެން ގުޅުވައިދޭ ފާލަން، ގުޅުވައިދޭ ވާފަށް، އަޅުގަނޑުމެންގެ ތެރޭގައި ހިލާފެއް ނެތް އަސާސް، އަޅހުގަނޑުމެން އެންމެން ގައުމީ ގޮތުންވާ އެންމެ އެންމެ ބޮޑު އިއުތިރާފް"

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު

ވަޒީރު ހީނާ ވިދާޅުވީ، މިއަދަކީ ހަމައެކަނި ކަލަންޑަރުގެ ތާރީހެއް ނޫން ކަމަށާއި، އެއީ ގުރުބާނީގެ ދުވަހެއް ކަމަށެވެ. އަދި މިއަދަކީ ސާފު ހިތަކާއި، ތެދު ނިޔަތަކާއި، ގަދަ ހިންމަތާއި މިންނަތުން ހާސިލްކުރެވުނު މިނިވަންކަމުގެ ހަނދާންތަކާއިގެން އައި ދުވަހެއް ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާވެސް ވަޒީރު ހީނާ ވަނީ އަރިސްކުރައްވާފަ އެވެ.

މީގެ އިތުރުން ވަޒީރު ހީނާ ވަނީ، މިނިވަން ކަމުގެ ބަތަލުންނާއި، ޝަހީދުންނަށް މާތް ﷲ ގެ މަތިވެރި ނިއުމަތް ތަނަވަސް ކުރައްވާ އެ ހަނދާންތައް މި ފަސްމަތީ އާވެ، އާލާވުމަށް އެދި ދުއާ ދަންނަވާފަ އެވެ. އަދި މިނިވަން ކަމުގެ ހުރިހާ ހިދުމަތްތެރީންނާއި، އެހީތެރީންނަށް ހައްގު ތައުރީފާ ޝުކުރުވެސް ވަޒީރު ހީނާ ވަނީ ދަންނަވާފަ އެވެ.