ސިނަމާލެ ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މައްސަލާގައި 3 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ރޭ ބުނެފިއެވެ.

ފުލުހުން އިއްޔެ ބުނީ ސިނަމާލެ ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލް ދުއްވާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން، އެ ސައިކަލްތައް 30 ދުވަހުގެ މުއްދަތަށް ޓޯކޮށްފައިވާ ކަމަށެވެ. އަދި މީހަކަށް އަނިޔާއެއްވެފައި ނުވާތީ އެ މީހުންނާ މެދު އިތުރު ފިޔަވަޅެއް އަޅާފައިނުވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް ސައިކަލްތައް ދުއްވި މީހުންނާ މެދު ހަރުކަށި ފިޔަވަޅު ނާޅާތީ އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެކަމާގުޅިގެން ފުލުހުން ބުނި ގޮތުގައި އެ ތިން މީހުންގެ ތެރެއިން ދެ މީހަކު ވަނީ 2،000ރ. އިން ޖޫރިމަނާ ކޮށްފަ އެވެ. އަދި ތިންވަނަ މީހާ 4،000ރ. އިން ޖޫރިމަނާކުރީ ތަކުރާރުކޮށް ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.